ޔޫރަށް ފިނި މޫސުން ބޯމަތިވަމުންދާއިރު މުޅި، ޔޫރަޕު ދަނީ "ގަނޑުވަމުން" ނެވެ. ފިނި މޫސުގެ އެންމެ ގަދަ ފިނީގެ ދުވަސްވަރު ޑިސެމްބަރު މަހު ލައްވާލާނެ ކަމަށް ބެލެވޭތީ ގިނަ ބަޔަކު ދަނީ ހޫނުކޮށްލަން ދާނެ މަންޒިލްތައް ހޯދަމުންނެވެ. "ގޫގުލް" އަށް ވަދެ އަތް ފުނާ އަޅަމުންދާއިރު ބުކިން ސައިޓުތަކާއި ޓުއާ އޮޕަރޭޓަރުން ބަލަނީ އެންމެ ފަސޭހައިން މި މީހުން ގެންދެވޭނެ ގައުމުތަކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތައް ބަންދުކޮށްފައި އޮތުމުން ޓޫރިޒަމްގެ މުހިންމު މަންޒިލުތަކަށްދާން ހުރަސްތަކެއް އެބަހުއްޓެވެ. ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެ ފިޔަވައި ބޯޑަރު ހުޅުވާފައިވާ މަޝްހޫރު ޓޫރިޒަމް މަންޒިލްތައް ނިސްބަތުން މަދެވެ. އެހެންވެ، ސީދާ ރާއްޖެ އަށް އާދެވޭނެ ގޮތެއް ވޭތޯ ގިނަ މީހުން ދަނީ ބަލަމުންނެވެ. ނަމަވެސް މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ ފްލައިޓްތައް މަދުވުމެވެ. ހާއްސަކޮށް ރާއްޖެ އަށް ޓޫރިސްޓުން އަންނަ މުހިންމު މަންޒިލް ތަކުން ޑައިރެކްޓް ފްލައިޓް ތަކެއް ނެތުމަކީ އެ ގައުމުތަކުގެ މީހުންގެ ބޮޑު ކަންބޮޑުވުމެވެ.
"ރާއްޖޭގެ ބޯޑަރު ޖުލައި 15 އިން ފެށިގެން ހުޅުވާފައި އޮތްކަން ދުނިޔެ އަށް މިހާރު އެނގޭ. މިހާރު ބޭނުންވަނީ ޑައިރެކްޓް ފްލައިޓް އިތުރު ކުރުން. ކިތަންމެ ވަރަކަށް ވެސް ޔޫރަޕުން މީހުން އަންނަން ބޭނުންވޭ. އެކަމަކު މައްސަލައަކީ މިހާރު ފްލައިޓް ނެތުން. މިކަން އަވަހަށް ވާނީ ދިވެހި ސަރުކާރާއި އެ ގައުމުތަކުގެ ސަރުކާރާއެކު ވެސް ވާހަކަ ދެކެވިގެން. އޭރުން ޔޫރަޕަށް ލުއިވާ ވަރަކަށް ފުރުސަތު ލިބޭނެ،" ރާއްޖޭގެ ޓްރެވަލް އެޖެންޓެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޓޫރިޒަަމް މިނިސްޓްރީން މިމަހުގެ 29 ގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 28 ގެ ނިޔަލަށް ރާއްޖެއަށް 37،468 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މާޗް 15 ގައި ކޮވިޑް-19 އާ ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް އައިސްފައިވަނީ 382،667 ޓޫރިސްޓުންނެވެ. އެހެންގެ މި އަހަރު އައި ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 420،315 އެވެ. މި އަހަރު ސަރުކާރުގެ ޓާކެޓަކީ ބޯޑަރު ހުޅުވިފަހުން އެއްލައްކަ މީހުން ހަމަ ކުރުމެވެ. އަދި މި އަހަރުގެ ޖުމްލަ ޓޫރިސްޓުންގެ އަދަދު ބައި މިލިއަން މީހުންނަށް އިތުރު ކުރުމެވެ. މި އަދަދަށް ހަމަ ކުރަން ބޭނުންނަމަ އަންނަ މަހާއި ޑިސެމްބަރު މަހު 70،000 ޓޫރިސްޓުން ގެންނަން ޖެހޭނެ އެވެ.
މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 7،507 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫއޭއިންނެވެ އެ ގައުމުން އައީ 3،479 ޓޫރިސްޓުންނެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އެމެރިކާއިންނެވެ. އެ ގައުމުން 3,056 މީހުން އައިސްފައިވެ އެވެ. އެމެރިކާއިން މި އަދަދަށް ޓޫރިސްޓުން އައިސްފައިވަނީ އެއްވެސް ފްލައިޓެއް ނެތި އެވެ.
ރަޝިއާ އިން ރާއްޖެ އަށް މިވަގުތު ޑިރެކްޓް ފްލައިޓުގެ ގޮތުގައި އަންނަނީ ޔޫރޯފްލޮޓް އެކަންޏެވެ. އަދި އިނގިރޭސިވިލާތުން އަންނަނީ އެ ގައުމުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސް އެވެ. ރަޝިއާ އާއި އިނގިރޭސި މާކެޓު ރަނގަޅު ވެފައިވާއިރު، ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަތުވާފައިވުމަކީ ރާއްޖެ އަންނަ އިނގިރޭސިން އިތުރުވާނެ ކަމެކެެވެ. ނަމަވެސް މިހާރު އޮތް ހަމައެކަނި ނުތަނަވަސް ކަމަކީ ޔޫރަޕުން ނުކުމެ ރާއްޖެއަށް އަންނަން އިނގިރޭސިންނަށް ހުރި އޮޕްޝަންތައް މަދުވުމެވެ. އެހެންވެ ޖާގަ ހޯދުން ފަދަ އުނދަގޫތައް ރާއްޖެއަށް އަންނަން ބޭނުންވާ މީހުނަށް ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ ބައެއް ޓްރެވަލް އޭޖަންޓުން ވަނީ ބުނެފަ އެވެ.
ޔޫކޭ މީހުން ޑިރެކްޓް ފްލައިޓް ނޫން ގޮތަކަށް އައިސްފިނަމަ އެ މީހުންގެ އިންޝުއަރެންސު ކަވަރެއް ނުކުރެ އެވެ. އެހެންވެ އެ މީހުން ރާއްޖެ އަންނަން ކޮންމެހެން ޑައިރެކްޓް ފްލައިޓެއް ބޭނުންވެ އެވެ. އެ ގައުމުގެ ޓުއާ އޮޕަރޭޓަރުންގެ މިހާރުގެ ބޮލުގެ ރިހުމަކީ މި އެވެ. އެ ގައުމުގެ ޓުއާ އޮޕަރޭޓަރުން ބުނެފައިވާ ގޮތުގައި ބުކިންތައް އިންތިހާ އަށް އިތުރުވީ ނަމަވެސް ކަކެންޓިވިޓީގެ ދަތިތަކެއް އެބަހުއްޓެވެ.
ޔޫކޭ އިން އަންނަނީ އެންމެ އެއާލައިނެއް
އިނގިރޭސިވިލާތުގެ ޓޫރިސްޓުންނަށް "ކަނެކްޓިވިޓީ" ގެ މައްސަލަ ކުރިމަތިވެފައިވާއިރު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖެ ނަމެއްގެ ގޮތުގައި ގޫގުލް އިން އެންމެ ގިނައިން ސާޗް ކުރި އެމެރިކާ މީހުންނަށް އޮތް ނުތަނަވަސް ކަމަކީ މި އެވެ. އެ ގައުމުން ރާއްޖެ އަންނަން ފްލައިޓެއް ނެތެވެ. އެ ގައުމުން މީހުން އަންނަން ޖެހެނީ ދުބާއީ ނޫނީ ޔޫއޭއީ މަގުންނެވެ. އެހެންވެ މި ވަގުތަކީ ގިނަ ގައުމުތަކާއެކު "ޓްރެވަލް ކޮރިޑޯ" ތައް ހަދަން ޖެހޭ ވަގުތެކެވެ. އެމެރިކާގެ ހާރިޖީ ވަޒީޒު ރާއްޖެ އަޔަށް މިފަދަ ގައުމަށް މުހިންމު ކަންކަން ނުނިންމޭނަމަ ފޮރިން ޕޮލިސީގެ ގުޅުމުން ގައުމަށް ކުރާ ފައިދާއަކީ ކޮބައިތޯ މިއީ ސުވާލެކެވެ. ޔޫކޭ މީހުންނަށް މި ވަގުތު އޮތް އެންމެ ބޮޑު މާޔޫސް ކަމަކީ ވެސް ފްލައިޓް މަދުވުވެ. މިއީ ދިވެހިންގެ އެންމެ ގިނައިން ގޮސް އުޅޭ "އެކުވެރި" ގައުމެކެވެ. ޔޫކޭއިން އިތުރު ފްލައިޓެއް ނުގެނެވެންވީ ސަބަބެއް ހަމަ ނުވިސްނެ އެވެ.
ހަމައެކަނި އިންޑިއާ އިން ނަމެއްގައި ޓްރެވަލް "ބަބަލް" އެއް ހަދައިގެން ނިދަން ތިބެގެން ޓޫރިސްޓުން އިތުރުވެ އާމްދަނީ މައްޗެއް ނުވާނެ އެވެ. ސަރުކާރުން އާއްމު ކުރާ ހިސާބު ތަކުން މިހާތަނަށް ދައްކާ ގޮތުގައި އިންޑިއާ ޓްރެވަލް ބަބަލް އިން މާކަބޮޑު ޕޮޒިޓިވް ސައިނެއް ހަމަ ގައުމު ވެސް އަދި ނުފެނެ އެވެ. އެ ގައުމުން ހެދި ޓްރެވަލް ބަބަލް އިން މިހާތަނަށް އިންޑިއާ އިން އަލަށް ފަށާފައިވަނީ އެއާ އިންޑިއާ އާއި ސްޕައިސް ޖެޓް އާއި އިންޑިއޯ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ މިމަހުގެ 28 ގައި އާއްމު ކުރި ހިސާބުތަކުން ދައްކަ އެވެ.
އިންޑިއާ އިން މިހާތަނަށް ޓޫރިސްޓުންގެ ގޮތުގައި އައިސްފައިވަނީ 1,559 ޓޫރިސްޓުންނެވެ. އެ ގައުމު ހިމެނެނީ ބޯޑަރު ހުޅުވިފަހުން މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ހަތް ވަނާގަ އެވެ. ދެން އޮތް ސުވާލަކީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ސިޓީތަކާ މި ފްލައިޓްތަކުގެ ކަނެކްޓިވިޓީ ހުރި މިންވަރެވެ. މުއްސަނދިން ތިބީ މި ތަންތަނުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން އިންޑިއާ އަދިވެސް ބޮޑިތަނުން ހާލުގައި އޮތްއިރު މި ކަކެންޓިވިޓީ ނެތްނަމަ ދިވެހި ޓޫރިޒަމަށް ބޭނުންވާ "ކްރީމް" އިންޑިއާއިން އިމްޕޯޓްވާނެ ތޯ ސުވާލު އުފެދެ އެވެ. މިހާރު ހާލަތުން މަޝްހޫރު ތަރިއަކު ރާއްޖެ އައި އިންސްޓަގްރާމަށް ދޫކޮށްލާފޮޓޯ ގަނޑެއް ފިޔަވައި ހަގީގީ ފައިދާއެއް ކުރާ ތަނެއް ހިސާބު ތަކުން މިހާތަނަކަށް ނުދައްކަ އެވެ. ބޯޑަރު ހުޅުވަން އެމްއެމްޕީއާރުސީ އިން އިންޑިއާގެ ޓްރެބަލް ކުންފުނިތަކާއެކު ހުސްކޮށްލި ވަގުތު ތަކުން ނުކުތް ނަތީޖާއަކީ ކޮބައި ތޯ މިއީ ވެސް ހަމަ ސުވާލެކެވެ.
ދިވެހި ޓްރެވަލް ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އިންޑިއާ އިން ކުޑަ އަގުގައި މީހުން ގެނެސް ބޯގިނަ ކުރުމަށްވުރެ ރަނގަޅު މާކެޓުތައް ދިރުވުން މިވަގުތު މުހިންމު ކަމަށެވެ
"ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މިއޮތީ ސޭލް އަޅުވާފަ. އެމީހުން [އިންޑިއާ] ޓޫރިސްޓުން މި އަންނަނީ އެންމެ ޗީޕް ރިސޯޓު ތަކަށް. އެހެންވެ، ޕެރަޑައިސްގެ އޮކިއުޕެންސީ 60 ޕަސެންޓުގައި އޮތީ. މިގޮތަށް މީހުން އައިސްގެން ރާއްޖެ އަށް ލިބޭ ޓެކުހެއް ވެސް އިތުރެއް ނުވާނެ. އަނެއްކޮޅުން ރިސޯޓު އޯނަރުގެ ޖީބަކަށް ވެސް ފައިދާއެއް ނެތް. މިހާރު ޖެހެނީ ޗައިނާ އާއި ޔޫރަޕު އަދި އެމެރިކާއިން މީހުން ގެންނަން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ސަރަހައްދީ އެއާޕޯޓު ތަކުން ފްލައިޓްތަކަށް އެދިއެދި!
ރާއްޖެ އެކަނި ހުޅުވާފައި އޮތުމަކީ ބޮޑު އެޑްވާންޓޭޖެކެވެ. ނަމަވެސް މި ވަގުތުގެ ފައިދާ ނުނެގިއްޖެނަމަ ފަހުން ދަތިތަކާ ކުރިމަތިވާނެ އެވެ. މި ފައިދާ ނެގޭނީ ރާއްޖޭގެ ހުރިހާ އިންޓަރޭޝަނަލް އެއާޕޯޓްތަކަށް ޗާޓަރު އެޅިގެންނެވެ. ސަރުކާރުން ބުނަނީ އެކަންކުރަން ރާވަމުންދާ ކަމަށެވެ. އޮތީ ޗާޓަރުން ގުޅާލުމުގެ ވިސްނުމެއް ކަަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސް އަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ކަނެކްޓިވިޓީ އިތުރު ކުރުމުގެ ގޮތުން ސިންގަޕޫރާއި އިޓަލީއާ ވާހަކަ ދެކެވެމުންދާ ކަމަށެވެ.
"އެހެން ގައުމުތަކާ ވެސް ބިޒްނަސް މޮޑެލްއެއްގައި އެކަން ކުރެވޭތޯ ވާހަކަ ދެކެވޭ. އެންމެ މުހިންމީ ޕޮއިންޓް ޓްރެވަލް. ކޮންސެޕްޓަށް ބަލާނަމަ މިދަނީ އެންމެ ކުރީގަ ޓޫރިޒަމް އޮތް މޮޑެލް އަށް. ކަނޑައެޅިފަ އިންނަ ޝެޑިއުލްއަކަށް ދަތުރު ކުރާ ޗާޓަރު އޮޕްޝަނަކަށް. އެހެންވީމަ އަޅުގަނޑުމެންނަށް ވާހަކަ ދެކެވޭ. އެހެން އެއާޕޯޓްތައް ބޭނުންކުރަން. ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ޑިސްކަޝަންގައި ހިމަނާފަ އޮތް އެއާޕޯޓެއް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރަށް. ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ. އެހެންވީމަ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ޑިސްކަޝަންތަކުގައި ހިމެނޭ. މިހާރު ފުރަތަމަ މި ބަލަނީ ޕޮއިންޓް ޓް ޕޮއިންޓް ޓްރެވަލް އެގްރީމެންޓް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފްލައިޓް އިތުރު ކުރާއިރު ހަމައެކަނި އިންޑިއާއަށް އިތުރުކޮށްގެން މިވަގުތު ފަރުޖެއްސޭކަށް ނެތެވެ. އަންނަ މަހު ޗައިނާ މާކެޓު ހުޅުވޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ގައުމުން ވެސް ގިނަ ފްލައިޓްތަކެއް ބޭނުންވެ އެވެ. ސަބަބަކީ އެއީ ރާއްޖޭގެ ޓޫރިޒަމްގެ މައި ހަބަށްވުމެވެ. އެ ގައުމު މީހުންވެސް ތިބީ "ޕެރަޑައިސް" އަށް ދާން ބޭނުންވެފަ އެވެ. ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާ ކުރާ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު ވެސް 280،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ ޗައިނާއަށް ރާއްޖެ ހުޅުވޭތަނުން އިތުރު ފްލައިޓްތަކެއް ބޭނުންވާނެ އެވެ.
މި ވަގުތު ބޭނުންވަނީ އިތުރު ފްލައިޓް ތަކެވެ. މުހިންމު މާކެޓުތަކުން ޓޫރިސްޓުން ގެނެވޭނެ ގޮތެކެވެ. ޗާޓަރު ނޫނީ ޑައިރެކްޓް ފްލައިޓުގެ ގޮތުގައިވެސް ސީދާ އެ ގައުމުން އާދެވޭ ގޮތް ވެއްޖެނަމަ ފިނި މޫސުމުގައި ރާއްޖޭގެ ޓޫރިޒަމް އެނދުތައް ފުރާލާނެ އެވެ. މިކަންވާނީ މުހިންމު މަންޒިލްތަކުން ފްލައިޓް އިތުރު ކުރެވިގެންނެވެ.