ހަބަރު

ޑައިރެކްޓު ފްލައިޓް މަދުވުމުން ޔޫކޭ ޓޫރިސްޓުންނަށް މާޔޫސްކަން

Oct 25, 2020

ކޮވިޑް-19 އިގެ ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވީ ނަމަވެސް، ކުރިއަށް ފިނި މޫސުމުގައި ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ އިނގިރޭސި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

މިދިއަ ހުކުރު ދުވަހު ގެނައި ބަދަލާއެކު ރާއްޖެއަށް އިނގިރޭސިވިލާތުން އަންނަ މީހުން އެނބުރިގޮސް އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. ނަމަވެސް، އެއީ އިނގިރޭސި ވިލާތުން ސީދާ ރާއްޖެ އައިސް އެނބުރިދާ މީހުނަށް ލިބުނު ލުޔެކެވެ.

އެހެން ގައުމެއްގައި ޓްރާންސިޓު ކުރާނަމަ، އެނބުރި ގައުމަށް ދިއުމުން ކަރަންޓީނުވާން ޖެހުމަކީ، ކުރިމަތިވެފައިވާ އުނދަގުލެކެވެ.

މިވަގުތަށް ބަލާއިރު، ޔޫކޭއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ ހަމައެކަނި ފްލައިޓަކީ ބްރިޓިޝް އެއާވޭސް އެވެ. އެކަމުގެ ސަބަބުން، ޖާގަ ހޯދުން ފަދަ އުނދަގޫތައް ރާއްޖެއަށް އަންނަން ބޭނުންވާ މީހުނަށް ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ ބައެއް ޓްރެވަލް އޭޖަންޓުން ދަނީ ބުނަމުންނެވެ.

ޔޫރަޕަށް ފިނި މޫސުން ޑިސެމްބަރު މަހުން ފެށިގެން ފަށާއިރު، މި ދުވަސް ވަރު އިތުރު އެއާލައިންތަކެއް ރާއްޖެއަށް ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެއާލައިން ތަކެއް ރާއްޖެ އަށް ފެށުމުގެ އިތުރުން މިހާރު ދަތުރުކުރާ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. ފްރިކުއެންސީ އިތުރު ކުރަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް ހިމެނެ އެވެ. އެމިރޭޓްސް އިން ވަނީ ހަފުތާއަކު ތިން ފްލައިޓަށް އިތުރު ކުރަން ނިންމާފަ އެވެ. އަދި ރަޝިއާ އިން އަންނަ އޭރޯފްލޯޓް އިން ވަނީ ހަފުތާއަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފަ އެވެ. މިހާރު ރާއްޖެއަށް 11 އެއާލައިންއަކުން ދަނީ ދަތުރު ކުރަމުންނެވެ.