ޓޫރިޒަމް މިހާރު ވެއްޓިފައިވާ "އަނދަވަޅަކީ" ޓޫރިޒަމް ތާރީހުގައިވެސް ނުދެކޭ ވަރުގެ ފުން ވަޅު ގަނޑެކެވެ. މި ދަތި ވަގުތެއްގެ މެދު ތެރެއިން ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ވަޑައިގެންނެވި ޑރ. އަބްދުﷲ މައުސޫމްއަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެދި ދިވެއްސަކީ ވެސް އެއީ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތް، މައުސޫމް ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީގަ އެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑް ޓޫރިޒަމް" އިންނެވެ. ހޮޓެލް މެނޭޖުމަންޓުގެ ދާއިރާއިން މާސްޓާސް ހައްދަވައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، "ހޮޓެލް ސްކޫލް" ގެ ސީނިއާ ލެކްޗާއެއްގެ މަގާމު ފުރިހަމަ ކުރެއްވި އެވެ. އަދި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެމްބަރު ކަމުގެ އިތުރުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ހިންގުވުމުގެ އިސް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. ތިރީގައި އެވަނީ މައުސޫމް އަވަސްގެ މުހައްމަދު އަފްރާހަށް ދެއްވި އިންޓަވިއުއެއްގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.
ވަރަށް ބޮޑަށް އިގްތިސޯދު މިވަނީ ދަށްވެފަ، ސަބަބަކީ ޓޫރިސްޓިސްނުން ނައުން. ޓޫރިޒަމް ރަނގަޅު ކުރަން ގެންގުޅުއްވާ ތަސައްވުރަކީ ކޮބައިތޯ؟
އެންމެ މުހިންމު ކަމެއް މިދެނީ ރާއްޖޭގެ އިންޑަސްޓްރީގެ ހުރިހާ ތަނެއް ހިނގައި ގަންނާނެ ގޮތެއް ހެދުން. ވަރަށް ގިނަ ތަންތަން މިވަނީ ބަންދުކޮށްފައި. މިހާރު ވަރަށް ގިނަ ރިސޯޓް ހުޅުވިއްޖެ. ސަފާރީ ވެސެލްސްތައް ހުޅުވިއްޖެ. ބައެއް ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވޭނެ ދުވަހަށް އަޅުގަނޑުމެން މިހާރު މި އިންތިޒާރު ކުރަނީ. އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ގެސްޓްހައުސްތައް 15 އޮކްޓޫބަރުގެ ފަހުން ހުޅުވެން ފަށާނެ. މި ތަންތަން ހުޅުވިފަ ބޯކޮށް މީހުން އަންނަން ފެށީމަ ރަނގަޅު ވާނީ. އިންޑަސްޓްރީގެ ބޭފުޅުން މީގައި އެންމެ މުހިންމު ރޯލެއް މި އަދާ ކުރަނީ. އަޅުގަނޑުމެން [ޓޫރިޒަމް މިނިސްޓްރީން] އެ ބޭފުޅުންނާއެކު މަސައްކަތް ކުރަމުން މި ގެންދަނީ
މިހާރު އެންމެ މުހިންމިީ ކަކެންޓިވިޓީ ނުވަތަ ފްލައިޓްތަކެއް ގެނައުން. އިތުރު ފްލައިޓްތައް ގެންނަން ސަރުކާރުން މަސައްކަތްތަކެއް ކުރޭތޯ؟
އެކްޓިވްކޮށް މިހާރުވެސް މަސައްކަތް ކުރަމުން އެބަ ގެންދަން ސިންގަޕޫރާއި އިޓަލީއާ. އެހެން ގައުމުތަކާ ވެސް ބިޒްނަސް މޮޑެލްއެއްގައި އެކަން ކުރެވޭތޯ ވާހަކަ ދެކެވޭ. އެންމެ މުހިންމީ ޕޮއިންޓް ޓްރެވަލް. ކޮންސެޕްޓަށް ބަލާނަމަ މިދަނީ އެންމެ ކުރީގަ ޓޫރިޒަމް އޮތް މޮޑެލް އަށް. ކަނޑައެޅިފަ އިންނަ ޝެޑިއުލްއަކަށް ދަތުރު ކުރާ ޗާޓަރު އޮޕްޝަނަކަށް. އެހެންވީމަ އަޅުގަނޑުމެންނަށް ވާހަކަ ދެކެވޭ. އެހެން އެއާޕޯޓްތައް ބޭނުންކުރަން. ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ޑިސްކަޝަންގައި ހިމަނާފަ އޮތް އެއާޕޯޓެއް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރަށް. ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ. އެހެންވީމަ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ޑިސްކަޝަންތަކުގައި ހިމެނޭ. މިހާރު ފުރަތަމަ މި ބަލަނީ ޕޮއިންޓް ޓް ޕޮއިންޓް ޓްރެވަލް އެގްރީމެންޓް ހެދުން.
ރަށްތައް ފެތުރިފައި މިވަނީ ވަކި ވަކިން. ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް ބޮޑަށް މިއޮތީ މާލޭގައި، މިއީ އެޑްވާންޓޭޖެއް ތޯ؟ އަލުން ޓޫރިޒަމް ހުޅުވިގެން ދާއިރު މިކަމުން އެއްވެސް ފައިދާއެއް ކޮށްފާނެތޯ؟
ވަރަށް ބޮޑު އެޑްވާންޓޭޖެއް. އަޅުގަނޑުމެން ޓޫރިޒަމް މޮޑެލް މި ބައްޓަން ކުރަނީ ގްރޭޓާ މާލެ ރީޖަން ނުހިމަނައި ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަހަލަ ގޮތަކަށް. ހަމައެކަނި މިއިން ކޮންމެ ތަނެއް [ޓޫރިޒަމް ޕްރޮޕަޓީ] އެއް ބަންދު ކުރީމަ އޯނަރަކަށް ނޫން ގެއްލުން ވަނީ. އެ ތަނުގައި ތިބި މުވައްޒަފުންނާއި އެ މީހުންގެ އާއިލާ ތަކަށް ވެސް ގެއްލުން ވޭ. ބައެއް ތަންތަނުން ކޮންމެ ވެސް މުސާރަ ދިނަސް، ބައެއް ތަންތަނުން މުވައްޒަފުން ވަކި ކުރަން ފަށައިފި. އެހެންވެ މިހާރު މި ބަލަނީ ވަޒީފާ ގެއްލުނު ހުރިހާ މުވައްޒަފުންނަށް އެ ވަޒީފާތައް ލިބޭތޯ. ޓޫރިޒަމުން ފައިދާ ލިބިގެން އެހެން ހުރިހާ ވިޔަފާރި ތަކަށް ވެސް ފައިދާ ލިބެން ފަށާނީ،
ޓޫރިޒަމް ސިނާއަތަށް ބޮޑު ގެއްލުމެއް ވެއްޖެ. މިނިސްޓްރީން މިހާތަނަށް އެއްވެސް ދިރާސާއެއް ނޫނީ އެސްޓިމޭޓެއް ހެދިފައި އެބަވޭތޯ ކިހާ ވަރެއްގެ ގެއްލުމެއް ސިނާއަތަށް ވެއްޖެތޯ ބަލަން؟
މިހާރު ކޮންމެ ގޮތަކުން ދައުލަތަށް ލިބޭ އާމްދަނީ 50 ޕަސެންޓް އެބަ ދަށްވޭ. އެއީ ފެންނަން އޮތް އަދަދެއް. އިންޑަސްޓްރީއަށް ގެއްލުންވި އަދަދު އަޅުގަނޑުމެން އަދި ޖެހޭނީ ހަމަ ހިސާބު ހަދަން. ޓޫރިސްޓު އެރައިވަލް 70 ޕަސެންޓް މަދުވެގެން ދިޔައިރު އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގެ ވަރަށް ގިނަ ކަންކަން އެބައޮތް ގުޅިފައި، ސާވިސް ޗާޖާ ގުޅިފައި. ޓޫރިސްޓުން ދޭ ޓިޕްސްއާ ގުޅިފައި، އާއްމު ގޮތެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ އޯނަރުންނަށް ލިބުނު ގެއްލުމުގެ އިތުރުން މުޅި އިންޑަސްޓްރީ އަށް ލިބުނު ގެއްލުން ވަރަށް... ވަރަށް ބޮޑު. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެކަމުގެ ސްޓަޑީއެއް ހަދާނަން. މިހާރު ވެސް ޖައިކާ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން އެ ފަދަ ޕްރޮޖެކްޓެއް ހިންގުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. ވަރަށް މުހިންމު ކަމެއް މިއީ. އެ ހިސާބުތައް އަޅުގަނޑުމެންނަށް އެނގެން ޖެހޭ. މި ވަގުތު ބުނެވޭނީ ވަރަށް ބޮޑު ގެއްލުން ލިބޭނެ އޭ. ޑޮލަރުގެ އަދަދުން މިވަގުތު ބުނާކަށް ނޭނގެ.
ޓޫރިޒަމް މިނިސްޓްރީއަކީ އެންމެ ކޮރަޕްޓް މިނިސްޓްރީއޭ ރައްޔިތުން އަބަދު ވެސް ބުނޭ. އަދި ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ދޯދިޔާކަމުން އަބަދުވެސް އިންޑަސްޓްރީން ޝަކުވާ ކުރޭ. ސިޓީ ފަދަ ލޔެކިއުން ތަކަށް ޖަވާބު ދިނުން ލަސްވުމަކީ އާއްމު ކަމެއް. މި ހުރިހާ ކަމަކުން ސަލާމަތްކޮށް ޓޫރިޒަމް މިނިސްޓްރީގެ އިމޭޖު ރަނގަޅު ކުރަން ކުރައްވަން ނިންމަވާފައި ވަނީ ކޮން މަސައްކަތް ތަކެއްތޯ؟
އަޅުގަނޑުގެ އެއް އަޒުމް މިނިސްޓްރީ ރަނގަޅު ކުރުން. ޕްލޭންގެ ވެސް މުހިންމު ބައެއް އެއީ. މިހާރު ވެސް މިތާ [ޓޫރިޒަމް މިނިސްޓްރީ[ ތެރޭގެ އޮޕަރޭޝަނަލް އޮޑިޓަކާ އެއްޗިހި ވެސް އެބަ ހަދަން. އެކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އެހީ ވެސް އެ ބަލިބޭ. ހާއްސަކޮށް ދައުލަތުގެ އެހެން އޮފީސްތައް ހިންގަން އޮންނަ އުސޫލުގެ ތެރެއިން ހިންގާ ގޮތަށް ރޭވިފައި ވޭތޯ ބަލަން. އެންމެ ބަރާބަރަށް ހިދުމަތް ދެވޭނެ ގޮތްތަކަށް ރާވަން އޮގަނައިޒޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުން މިދަނީ. ކޮންމެ ވެސް ބަދަލު ތަކެއް ގެންނަން ޖެހޭނެ. މިހާރު ވެސް އެ ބަދަލުތައް ފެންނަން ފަށައިފި ކަމަށް އަޑުއިވޭ. އަޅުގަނޑަށް އެނގޭ ވަރަށް އަންނަން ފަށާނެ ހަ އެއްހަ ހަފުތާގެ ތެރޭގަ. އޭރުން އިންޑަސްޓްރީއަށް ފުދޭ ވަރަކަށް ރަނގަޅަށް ފާހަގަވާނެ. އޭރުން ހިދުމަތް ހޯދާ އެންމެން ވެސް ހިތްހަމަ ޖެހޭނެ. އެދޭ ހުރިހާ ކަމެއް ނުވެދާނެ. ސަރުކާރުގެ ވެސް ހުރޭ ޓާގެޓު ތަކެއް. މިސާލަކަށް ތިން ދުވަހުގެ ތެރޭގައި ސިޓީއަށް ޖަވާބު ދިނުން. އަޅުގަނޑުމެންގެ އަމާޒު އެއަށްވުރެ ކުރިއަށް ޖައްސާނަން. ތިން ދުވަހުގެ ތެރޭގައި ޖަވާބު ދޭން އޮތަސް އެއް ގަޑިއިރު ތެރޭގައި ޖަވާބު ދިނުން. ނޫނީ ވަގުތުން ޖަވާބު ދެވޭ ކަންކަމުގައި ޖަވާބު ދިނުން. އޮފީހެއް ހިންގުމަށް އޮންނަ އިމުގެ ތެރެއިން މިނިސްޓްރީގެ ކަންތަތައް އަޅުގަނޑުމެން ހިންގާނީ... މިހާރު، ޓައިމް އިޒް މަނީ. އެހެންވެ ކަންކަން އަވަސް ވެސް ކުރަން ޖެހޭ. ޓޫރިޒަމް މިނިސްޓްރީ ޓެކްނޮލޮޖީގެ ވަރަށް ފަހަތުގައި އޮތީ. އެހެންވެ، އަންނަ އަހަރުގެ މެދުތެރޭގައި މި ޓެކްނޮލިޖީތައް ބޭނުން ކުރަން ފެށޭނެ.
މަނިކުފާނުއަކީ އިންޑަސްޓްރީގައި ގިނަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެއް. އެ ތަޖުރިބާ އެއްވެސް ވަރަކަށް މިހާރު ބޭނުން ކުރެވޭތޯ؟
މިހާރުގެ ތަފާތަކީ ދުނިޔެ ކުޑަ ވެފައިވުން. އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރިގައި މަސައްކަތް ކުރިއިރު، ފެކްސް ވެސް އުފަން ނުވޭ. އޭރު ޓެލެކްސް ބޭނުން ކުރަނީ. މިހާރު ޓެކްނޮލިޖީ އައި އައިނުން މިއޮތީ ހަމަ ވަގުތުން ވަގުތަށް ދުނިޔެއަށް ހުރިހާ ކަމެއް ހާމަވާ ހިސާބުގަ. ވީޑިއޯ ވެސް. އެންމެ ބޮޑު ކަމަކީ މިއީ. މި [ޓެކްނޮލިޖީ] ބޭނުން ކުރަން ޖެހޭނެ. ކުރިން ވަރަށް ޕްރެކްޓިކަލް ވާހަކައެއް ދައްކާނަމަ ކުރިއާލާ ދުވަހެއް ކަނޑައަޅާފަ އެންމެން ޖަމާވަން ޖެހޭ. އެކަމަކު މިހާރު ބައި ގަޑިއިރު ތެރޭގައި ޒޫމް ފަދަ ޕްލެޓްފޯމް ތަކުން ބައްދަލު ކޮށްލެވޭ. އޭރުގެ ތަޖުރިބާއިން މިހާރު ވެސް ބޭނުން ކުރަނީ ޓޫރިޒަމް އިންޑަސްޓްރީއަކީ އެންމެންގެ އިންޑަސްޓްރީއެކޭ. މަސައްކަތް ކުރާނީ ވެސް ކަންކަން ހައްލު ކުރާނީ ވެސް އެންމެން އެއްކޮށް މަސައްކަތް ކޮށްގެންނޭ. ޓޫރިޒަމް އިންޑަސްޓްރީގެ ލީޑަރުންނަކީ ޕްރައިވެޓް ސެކްޓާ. ޕްރައިވެޓް ސެކްޓާގެ ކްރިއޭޓިވިޓީގައި މަސައްކަތް ކުރީމަ ކުރިއަށް ދެވޭނީ. މިއަދު އެންމެ ހިތްހަމަ ޖެހެނީ އިންޑަސްޓްރީން ލިބޭ އެއްބާރު ލުމުން. ތަޖުރިބާ ވަރަށް މުހިންމު. މި ފަހުން ޑިޕްލޮމެޓިކް މިނިސްޓްރީގެ ދާއިރާގެ ތަޖުރިބާ ވެސް މިހާރު ބޭނުން ކުރެވޭނެ. އެކަމަކު ކޮންމެ ދުވަހަކީ ވެސް ކަންތައް ތަކެއް ދަސްކުރަން ޖެހޭ ދުވަހެއް. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ކައިރިން ވެސް މި ބުނަނީ ދަސް ކުރަން. މި މިނިސްޓްރީގެ މުވައްޒަފުންކީ ވަރަށް ގާބިލް ބައެއް. އެކަމަކު އެ ކުދިންގެ ކައިރީ ވެސް މި ބުނަނީ ކޮންމެ ދުވަހަކީ ވެސް ދަސްކުރާ ދުވަހަށް ހަދާށޭ. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް އެހެން މީހުންގެ ބަހުގަ ހިފަން ޖެހޭނެ
އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމަކީ ބޮޑު ގޮންޖެހުމެއް، ހުޅުވާއިރު ފުރަތަމަ ކިތައް ގެސްޓްހައުސް ހުޅުވާނެތޯ؟
ހުޅުވޭނެ ގެސްޓްހައުސްގެ އަަދަދު ދަންނަވަން އަދި ތަންކޮޅެއް އަވަސް. އަޅުގަނޑުމެން މި ބަލަނީ ވީހާ ގިނަ ގެސްޓްހައުސްތައް ހުޅުވަން، މިހާރު ހުޅުވާފައި ހުރި ޓޫރިޒަމް ތަންތަން ވެސް އެ ވަނީ ގުރުބާނީއެއް. އެ ބޭފުޅުންނަށް ވެސް އެނގޭ ހުޅުވާއިރު ފައިދާ ލިބެން ނުފަށާނެކަން. ހުޅުވާފަ އެތައް ދުވަހު ގެއްލުމުގައި ހިންގަން ޖެހޭނެ. އެކަމަކު ހުޅުވަން އެ ކުރާ މަސައްކަތް އަޅުގަނޑުމެން ހިތުގެ އަޑިން ބަލައި ގަންނަން. ހުޅުވާއިރު މި ބަލަނީ ގެސްޓްހައުސް މޮޑެލްއަކީ ދުނިޔެ، ނަމޫނާ އަކަށް ބަލާނެ މޮޑެލް އަކަށް ހަދަން. މާނައަކީ މޮޑެލްގައި މި ހުރީ ސަމާސާ ކަންތައް ތަކެއް ނޫން. މައިގަނޑު ދެ ކަމެއް މި އޮތީ. އެއީ މުވައްޒަފުންނާއި ރައްޔިތުނާއި ގެސްޓުންނަށް ސަލާމަތާ ރައްކާތެރިކަން. އަނެއް ކަމަކީ މިއީ އިގްތިސޯދީ ކަންތައްތައް ކުރިއަށް ދިއުން. މި ކަމަށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޭނުންވޭ. ކައުންސިލުން ކަންތައްތަކާ އެއްބަސްވެ، ރަށުގަ އެވެއާނަސް ހިންގަން ޖެހޭ. ގެސްޓްހައުސްގެ ޒިންމާ ވެސް ބޮޑު. އެންމެ ބޮޑު އުފަލަކީ މި އިސްނެގުން މި އަންނަނީ ގެސްޓްހައުސް ތަކުން. ވަރަށް ބޭނުންވޭ ގެސްޓްހައުސް ހުޅުވި ރައްޔިތުންނަށް ލިބިފައިވާ މާޖޫސީކަށް ފިލައިގެން ދާން. އަޅުގަނޑުމެން ގެސްޓްހައުސް ތަކަށް ހުއްދަ ދޭނީ ގައިޑްލައިސްތަކުގެ އަކުރެއް ފިއްޔެއް ތަފާތު ނުވާ ހިސާބަށް ގެންދިޔައީމަ،