ޓޫރިޒަމް

ގަތަރު ވޯލްޑް ކަޕުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނެ: ޑރ. މައުސޫމް

ގަތަރުގައި އޮންނަ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ގަތަރު ވޯލްޑްކަޕުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގަތަރުގައި މި އަހަރު އޮންނަ ވޯލްޑްކަޕުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާކުރާނެ ކަމަށާ، ވޯލްޑް ކަޕަަށްފަހު ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅުންތެރިން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އާއްމުކޮށް މިގޮތަށް އޮންނަ ކުޅިވަރުގެ އިވެންޓްތަކުގެ ސަބަބުން ބައެއް ފަހަރު ނެގެޓިކް އަސަރު ކޮށްފައި އެބަހުރި ޓޫރިޒަމަށް. އެކަމަކު މިފަހަރު އުންމީދު ކުރެވެނީ ފައިދާތަކެއް ކުރާނެ ކަމަށް،" ރާއްޖެ އަށް ގިނަ އަދަދެއްގެ ޑައިރެކްޓް ފްލައިޓް އޮންނަ ގަތަރުގައި ނޮވެމްބަރު މަހު ފަށާ ކުޅިވަރުގެ އީދާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ކުޅިވަރުގެ ބޮޑު އީދަށް ތައްޔާރުވެފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު މެއި މަހާ އަޅާ ބަލާނަމަ މި މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 125،000 އަށް އަރާފަ އެވެ. މިއީ 2019 ވަނަ އަހަރުގެ މެއި މަހު އައި 103،000 ޓޫރިސްޓުންނާ އަޅާބަލާނަމަ އިތުރުވުމެކެވެ.

މިނިސްޓަރު ވިދާޅުވީ މެއި މަހަކީ އަބަދުވެސް ރާއްޖެއަށް މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެއް ކަމަށާ ނަމަވެސް މިހާރު އަންނަ ކުރިއެރުމަކީ އުފާ ކުރައްވާ އަދި އުންމީދީ ނިޝާނެއް ކަމަށެވެ. އަދި އޭޝިއާގެ ބައެއް މާކެޓުތަކާއި ޖަޕާނުން މީހުން އަންނަން ފެށުމަކީ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

"މި ބަދަލާއެކު ޓޫރިޒަމްގެ އޮފް ސީޒަން ބަދަލުވަމުންދާ ކަމަށް މި ފެންނަނީ،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ރަނގަޅުވިނަމަވެސް ދުނިޔޭގެ ހާލަތަށް ބަލާއިރު ނުތަނަވަސްކަން އެބަހުރި ކަމަށާ ހާއްސަކޮށް ޔޫކްރޭން މާކެޓު ބަންދުވެ ރަޝިއާއިން އަންނަ ޓޫރިސްޓުން މަދުވުމަކީ ޓޫރިޒަމަށް އައި ހީނަރުކަމެއް ކަމަށެވެ.

"ރަޝިއާ މާކެޓުން ފްލައިޓް އޮޕަރޭޓް ކުރަމުން ދިޔަނަމަވެސް އެ މާކެޓު އަދި ރަނގަޅެއް ނުވޭ،" މައުސޫމް ވިދާޅުވި އެވެ.

މިމަހު ޓޫރިޒަމްގެ ރެކޯޑެއް

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 680,846 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2019 ވަނަ އަހަރު އައި 730,753 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 6.8 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 445,560 ޓޫރިސްޓުންނާ އަޅާބަލާނަމަ 52.8 ޕަސެންޓް އިތުރު އަދަދެކެވެ.

ގިނަ ޓޫރިސްޓުން އަންނަ 10 މާކެޓް

  • އިންޑިއާ : 86,358
  • ޔޫކޭ : 82,325
  • ރަޝިއާ : 62,545
  • ޖަރުމަނު ވިލާތް : 56,058
  • އިޓަލީ ވިލާތް: 43,748
  • އެމެރިކާ: 43,748
  • ފްރާންސް : 27,488
  • ސްވިޒަލޭންށް: 16,769
  • ސައޫދީ އަރަބިއްޔާ: 13,854
  • އޮސްޓްރިއާ : 12,468

މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު 4,695 ޓޫރިސްޓުން ރާއްޖެ އަށް އާދެ އެވެ. އަދި އެވްރެޖުކޮށް ތިން ދުވަހާއި އަށް ދުވަހު ޓޫރިސްޓުން ރާއްޖޭގައި މަޑު ކުރެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުން ބުނަނީ މި އަހަރު 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަަށެވެ.