ކ. ގުރައިދޫ އަދި މާފުށީގެ ބިން ހިއްކާ ނިމޭއިރު، އެ ދެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުޑަ ދެ ރަށް ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ގުރައިދޫގެ ބިން ހިއްކުމަށް ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާ ބިން ހިއްކުމުގެ ޕްލޭންތައް ނިންމާ އެކަމުގެ ކުރެހުންވެސް ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކާއިރު، އެ ސަރަހައްދުގައި އިތުުރު ކުޑަ ރަށެއް ހިއްކައިދިނުމަށް ގުރައިދޫ ރައްޔިތުން އެދިފައިވާ ކަމަށެވެ.
"ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މިހާރު ބިން ހިއްކާ ސަރަހައްދުގައި ބޭރުން، ތިބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަހަލަ ކުޑަ ރަށެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހިއްކައިދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، އެ ރަށުގެ ރައްޔިތުންގެ އެދުމެއްވެސް އެބައޮތް ކަމަށެވެ. އެއީ ސުނާމީގެ ކުރިން އޮތް "ވަށްމާފުށި" އަލުން ހިއްކައި ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވަނީ އެކަންވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އެ ބޭފުޅުންގެ އެދުމެއް އެބައޮތް. ކުރިން އެތާ އޮތް، ސުނާމީގެ ކުރިން އޮތް ކުޑަ 'ވަށްމާފުށި' އަލުން ހިއްކަން އަޅުގަނޑުމެންނަށް އެދިފައި އެބައޮތް. އިރާދަކުރެއްވިއްޔާ އެރަށުގެ ބިން ހިއްކިގެންދާއިރުގައި 'ވަށްމާފުށި' ތި ބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް އަޅުގަނޑުމެން ހިއްކަދޭނަން."
އިންތިހާބުތަކާ ދިމާކޮށް ކުރީ ސަރުކާރުތަކުން ވައުދުތައް ވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ރައީސް ސޯލިހް ރޭ ވަނީ ގުރައިދޫގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންތައްތަކެއްވެސް ހިއްސާ ކުރައްވާފައެވެ.