ށ. ފުނަދޫ އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓް ރަސްމީކޮށް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ފުނަދު އަށް މިއަދު ހެނދުނު ދިޔަ މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ފްލައިޓުން އެ ރަށަށް ގޮސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނެވެ. މި ފްލައިޓަކީ ފުނަދޫ އެއާޕޯޓް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމުގެ ގޮތުން ހަދަން ޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ހަދަން އެ ރަށަށް ދިޔަ ފްލައިޓެވެ. މީގެ ބޭނުމަކީ ދަތުރުތައް ފަށަން ރަންވޭ އެކަށީގެންވޭތޯ ބެލުމެވެ.
އާބާދީގައި 2،500 އަށް ވުރެ ގިނަ މީހުން އުޅޭ ފުނަދޫ އަށް ފްލައިޓް ޖެއްސިތަން ބަލަން އެ ރަށުގެ ގިނަ ބަޔަކު ޖަމާވެފައި ތިއްބެވެ.
ފުނަދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު، އަހުމަދު ފާއިޒް އަވަސް އަށް އިއްޔެ ވިދާޅުވި ގޮތުގައި ފްލައިޓް ޖައްސާ ވާހަކަ ކައުންސިލުން އެންގުމުން އިއްޔެ، ރައްޔިތުން އަމިއްލަ އިސްނެގުމުގެ މަތިން އެއާޕޯޓު ސަރަހައްދު ސާފްކޮށްފައިވާ ކަމަށެވެ.
"މިއީ ހަމަ ހަގީގަތުގައި ވެސް ފުނަދޫ ހުރިހާ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް. އެންމެނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަސްލު މީގަ އެންމެ އުފާވަނީ ފުނަދޫ ރައްޔިތުން ބޭނުންވާ ތަނުގަ އެއާޕޯޓު އަޅާ ނިންމާލީމަ،" ފާއިޒު ވިދާޅުވި އެވެ.
ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓް އަޅާފައިވަނީ އެރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން ބިން ހިއްކައިގެންނެވެ. މި އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ރަށުގައި ހަދާފައިވަނީ ދިގުމިނުގައި 1،200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭ އެކެވެ. މީގެ އިތުރުން 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަންއެއްވެސް ވަނީ ހަދާފައެވެ.