ޑޮމެސްޓިކް އެއާޕޯޓް

ފުނަދޫ އެއާޕޯޓްގެ މުހިންމު ބައި ނިންމަން އެމްޓީސީސީއަށް

  • ހަވާލުކުރީ ޖުލައި މަހަށް ނިންމަން
  • މަސައްކަތުގެ އަގު 60 މިލިއަން ރުފިޔާ
  • ސާމާނު ރާއްޖެ އައުމުގެ މަގުމަތީގައި

ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ށ. ފުނަދޫ އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ ހަދަން 60 މިލިއަން ރުފިޔާ އަށް އެމްޓީސީސީއަށް މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

ސޮއި ކުރެއްވުމަށް ފަހު، މިނިސްޓަރު ޒަމީރު ވިދާޅުވީ މި އެއާޕޯޓްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުލައި މަހުގެ ނިޔަލަށް ނިންމާ ގޮތަށް ކަމަށެވެ.

"ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި. އެހެންވީމަ ޖުލައި މަސް ނިމެންވާއިރަށް މިބައިތަށް ނިންމޭނެ ކަމަށް ބެލެވެނީ. މިހާރު އެމްޓީސީސީއގައި ތާރު އަޅާނެ މެޝިނެއް ވެސް އެބަ ހުރި،" ޒަމީރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ޑީއެމްޑީ ރިޒާ ވިދާޅުވީ މި މަޝްރޫއުއަށް ބޭނުންވާ އިކްއިޕްމަންޓް ވެސް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.

"މި މަޝްރޫއު 105 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަޅާފައި. އެގޮތަށް މި މަސައްކަތް ކުރިއަށް ދަނީ،" ރިޒާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވީ މިއަދަކީ ސަރުކާރާ އިނދިކޮޅު ފަރާތްތަކަށް ވަރަށް ހިތްދަތި ދުވަހެއް ކަމަށެވެ.

"މިއީ ސަރުކާރު ވައްޓާލަން އުޅޭ ފަރާތްތަކަށް ވަރަށް ހިތްދަތި ދުވަހެއް. މިހާރު ށ. އަތޮޅަކީ ދަތުރު ފަތުރަށް ދަތި އަތޮޅެއް. ނަމަވެސް މިހާރު އެމްޓީސީސީއިން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އިތުބާރު ލިބިގެން ހިނގައްޖެ،" ސަލީމް ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓުގެ އެންމެ މުހިންމު މަސައްކަތް ކުރަން އެމްޓީސީސީއަށް ހަވާލު ކުރިއިރު، ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުހިންމު ސާމާނު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.