ހޯރަފުށީ އެއާޕޯޓް

މިއަހަރުގެ ސެމްޓެމްބަރު މަހު ހޯރަފުށީ އެއާޕޯޓް ނިމޭނެ: އެމްޓީސީސީ

ހއ. ހޯރަފުށިން: މުހައްމަދު އަފްރާހު
Mar 6, 2020
1

މި އަހަރުގެ ސެޕްޓެމްބަރު މަހު ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް، އެމްޓީސީސީ އިން ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު، ރަންވޭ އަޅާ ސަރަހައްދުގައި ހުންނަވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެއާޕޯޓު އެޅުމަކީ ވަރަށް ޓެކްނޮކަލް ކަމެއް ކަމަށާ، އެ ކުންފުނީގައި މި ފަދަ އެއާޕޯޓެއް އެޅުމުގެ ގާބިލްކަމާއި ވަސީލަތް އެބަހުރި ކަމަށެވެ.

"މިއީ ވަރަށް ބޮޑު، އެހާ ބުރަ މަސައްކަތެއް،" އާޒިމް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުވެސް އަޅަންކީ އެއާޕޯޓެވެ. ކުރިން މި އެއާޕޯޓް އަޅަން ކިޔާފައިވަނީ މިރަށާ އިންވެގެން އޮންނަ މާފިނޮޅު ކިޔާ ފަޅުރަށާއި އެރަށުގެ ފަޅުން ބައެއް ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރިން ވަނީ މި މަސައްކަތް ހޯރަފުށީގެ ފަޅުން ބައެއް ހިންގައިގެން ހަދަން ނިންމައި މަސައްކަތް ފަށާފަ އެވެ.

މިހާރު އެއާޕޯޓުގައި ކުރާ މަސައްކަތަކީ ރަންވޭގައި އަޅާ ހަތަރު ލޭޔަރުގެ ތެރެއިން ފުރަތަމަ އަޅާ އެގްރިގޭޓް ބޭސް އެޅުމުގެ މަސައްކަތެވެ.

ހޯރަފުށީ އެއާޕޯޓް

  • ސޮއިކުރި ތާރީހް: 25 މާޗް 2019
  • މަަސައްކަތުގެ އަގު: 198 މިލިއަން ރުފިޔާ
  • މަސައްކަތުގެ މުއްދަތު: 17 މަސް
  • މަސަައްކަތް ނިމިފައިވާ މިންވަރު: 52 ޕަސެންޓް

މި މަޝްރޫއުގެ ދަށުން 842،200.33 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 1،120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. ރަންވޭއަށް 37،424 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. އަދި ބޯޓު ޕާކުރާ އޭޕްރަން އަދި ޓެކްސީ ވޭގެ މަސައްކަތަށް 8،635 އަކަ މީޓަރު އަދި މިތަނުގައި ސާވިސް ރޯޑާއި ފަޔާ އެކްސެސް ރޯޑު ހަދާނެ އެވެ.