ހަބަރު

ހޯރަފުށީ އެއާޕޯޓު އަންނަ ހަފްތާގައި ނިމޭނެ: އެމްޓީސީސީ

ހއ. ހޯރަފުށީގައި އަޅާ އެއާޕޯޓު އަންނަ ހަފްތާ އަށް ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ޓްވީޓެއް ކޮށް ބުނީ، އެ ކުންފުނީގެ ސީއީއޯ، ހޯރަފުއްޓަށް ގޮސް މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ބައްލަވާފައިވާ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ، މި މަހު 8 ގެ ކުރިން މަސައްކަތް ނިންމާލުން ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް އިންނާނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށ ްވަނީ ނިންމާފަ އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވަނީ 64 މިލިއަން ރުފިޔާ އަށް އެމްޓިސީސީންނެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

އެމްޓީސީސީން މިއަދުވެސް ވަނީ އެ ކުންފުނިން މިހާރު ކުރިއަށްދާ އިތުރު ޕްރޮޖެކްޓުތަކުގެ އަޕްޑޭޓެއްވެސް ދީފަ އެވެ. އެގޮތުން، ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެސްފޯލްޓް ޕްލާންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި ތާރު އެޅުމުގެ މަސައްކަތް ޑިސެމްބަރުގައި ފެށޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން، ނ. މިލަދޫ ބަނދަރު މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއު އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުގަ އެވެ.