ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓް ސަރަހައްދަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް ސޯލިހު ހޯރަފުށި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަށް ޒިޔާރަތް ކޮށްފައިވަނީ މިއަދު ހެނދުނު ހދ އާއި ހއ ކުރެއްވި ކެމްޕޭން ދަތުރުފުޅު ތެރެއިންނެވެ. ރައީސް ވަނީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ސައިޓަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަައުލޫމާތު އޮޅުން ފިލުވައިފަ އެވެ.
ހއ. މާފިނޮޅުގައި އެންމެ ފުރަތަމަ އަޅަން ނިންމި އެއާޕޯޓް ހޯރަފުށި އަށް ބަދަލުކޮށްފައިވާ ކަމަށް، އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރަމުމްދާ އެމްޓީސީސީއިން ބުނެފައިވަނީ، މިމަހު ހަތަރު ވަނަ ދުވަހު އެވެ. އެމްޓީސީސީން މާފިނޮޅުގައި އެއާޕޯޓް ނާޅަން ނިންމައި ހޯރަފުށި އަށް ބަދަލުކުރީ، ހޯރަފުށިއަކީ ބިން ބޮޑު ރަށަކަށް ވުމުންނެވެ. އަދި އެއާޕޯޓް މާފިނޮޅުގައި އަޅާނަމަ އެރަށުން ގިނަ އަދަދަކަށް ގަސް ކަނޑަން ޖެހި، މާފިނޮޅުގެ ފެހިކަން ގެއްލިގެން ހިގާއިދާނެތީ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
މާފިނޮޅުގައި އެންމެ ފުރަތަމަ އެއާޕޯޓް އަޅަން ހަވާލު ކުރީ ރީޖަނަލް އެއާޕޯޓްސް އާއެވެ. ރީޖަނަލް އެއާޕޯޓްސް އެމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން އުޅޭކަން ރީޖަނަލް އެއާޕޯޓުސް އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ 2018 ވަނަ އަހަރު މާޗު މަހު 12 ވަނަ ދުވަހު އެވެ.