ހއ. ހޯރަފުށީގައި ތަރައްގީ ކުރަން ސަރުކާރުން ނިންމި ޑޮމެސްޓިކް އެއާޕޯޓް ހަދަން މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހެވެ. މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހޯރަފުށީގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިނިސްޓަރު އައިޝާއަކީ ހޯރަފުށީ ބޭފުޅެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް އެ ރަށުގައި ކުރިއަށް ނުގެންދަން ނިންމައި އެ އެއާޕޯޓް ހއ. ހޯރަފުއްޓަށް ބަދަލުކުރަން ނިންމާފައިވާކަން އެމްޓީސީސީ ހާމަކުރީ މިމަހު 14 ވަނަ ދުވަހު އެވެ.
މާފިނޮޅުގައި އެއާޕޯޓް އެޅުމުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމީ ފެހިކަން ގަދަ ރަށްރަށުގެ ފެހިކަން ގެއްލޭނެހެން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ނުގެންދަން ވެގެން ނާއި ހޯރަފުއްޓަކީ މިހާރުވެސް ބިން ބޮޑު ރަށަކަށްވުމުން ކަމަށްވެސް އެމްޓީސީސީއިން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.
އެމްޓީސީސީއިން އެންމެ ފަހުން ތަރައްގީކޮށްފައިވަނީ ށ. ފުނަދޫ އެއާޕޯޓެވެ. މިހާރުވެސް އެމްޓީސީސީއިން ދަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ.