އއ. އަތޮޅުގެ ތަރައްގީއަށް އެއާއަޕޯޓެއް އެއީ މުހިއްމު މަޝްރޫއެއް ކަމަށްވާތީ އެ އަތޮޅުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އއ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ރަސްދޫގައި އެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ ރައީސް ވަނީ ތަރައްގީގައި އއ. އަތޮޅު ބާކީ ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ވާހަކަފުޅުގެ ތެރެއިން ރައީސް ވިދާޅުވީ އެއާޕޯޓެއްގެ މަޝްރޫއަކީ އއ އަތޮޅުގެ ތަރައްގީއަށް މުހިންމު ކަމަކަށްވާތީ އެކަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދާނެ އެއްވެސް އިތުރު މައުލޫމާތެއް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރާއްޖޭގައި އެއާޕޯޓެއްގެ އެއްވެސް މަސައްކަތެއް މިވަގުތު ހިނގަމުން ނުދާ މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅަކީ އއ. އަތޮޅެވެ. އެއާޕޯޓެއްގެ އެއްވެސް މަޝްރޫއެއް ދެން ކުރިއަށް ނުދަނީ ވ. އަތޮޅުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ އއ. އަތޮޅުގެ ތަރައްގީއަށް މުހިއްމު ކަންކަމާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޕާސްޕޯޓް ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތް އެ އަތޮޅުން ލިބޭނެ ގޮތް ހަމަަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށްދިނުމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ބައެެއް ކަންކަންވެސް ހިއްސާކުރެއްވި އެވެ.