ދިވެހި ޕްރެމިއާ ލީގް

ގްރީން ބަލިކޮށް އީގަލްސް އަލުން ދެވަނައަށް

ކުލަބު ގްރީން ސްޓްރީޓްގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކުލަބު އީގަލްސް އަލުން ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ނިޔަލަށް ދެ ވަނަ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކުލަބު މިހާރު ވަނީ ތިން ވަނައަށް ވެއްޓިފަ އެވެ. އީގަލްސް އާއި ޓީސީ އާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ.

ޖަނަވަރީ ޓްރާންސްފާގައި މުހިންމު ކުޅުންތެރިން ދޫކޮށްލުމަށް ފަހު ގްރީންގައި އޮތީ ނިސްބަތުން ޒުވާން ކުޅުންތެރިންގެ މައްޗަށް އޮތް ސްކޮޑެކެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ގްރީންއިންނެވެ. ފުރަތަމަ ހާފުގައި އީގަލްސް އިން ލަނޑެއް ޖެހިޔަ ނުދީ ގްރީން އިން ހިފަހައްޓާލި އެވެ.

ގްރީންގެ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރަޝީދު (އަންމަޑޭ) އެވެ. ލީޑް ނަގައިގެން ގްރީން ހަމަޖެހިލެވުނީ ފަސް މިނެޓެއްހާއިރު އެވެ. މެޗުގެ 53 ވަނަ މިނެޓްގައި އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހްމަދު ރިޒުވާން (ރިޒޭ) ކާމިޔާބު ކުރި ލަނޑުންނެވެ.

މިނެޓެއްގެ ތެރޭ އީގަލްސްއިން ނަތީޖާ ބަދަލުކޮށް ލީޑް ފުޅާވެސް ކުރި އެވެ. އެ ޓީމަށް ލީޑް ނަގައިދިން ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ޖެހިގެން އައި މިނެޓްގައި ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ތޮށީ) ވަނީ އީގަލްސްއަށް ލީޑް ފުޅާ ކޮށްދީފަ އެވެ. އީގަލްސްގެ ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިޒޭ އެވެ. ގްރީންގެ ދެ ވަނަ ލަނޑު މުހައްމަދު މްސްލިހް ކާމިޔާބު ކުރީ 85 ވަނަ މިނެޓް ގައެވެ.