ހަބަރު

އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް އެބަ ހިންގާ: ފުލުހުން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލައި އިހްތިޖާޖު ކުރުމަށް ބާއްވާ އެއްވުންތަކާއި ހަރަކާތްތަކުގައި ބައެއް މީހުން ގާނޫނާ ހިލާފު ކަންކަން ކޮށް މީހުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު ގައުމުގެ މަސްރަހު ހޫނުވެ، އެ ކަމާ ދެކޮޅަށް އިހްތިޖާޖް ކުރަން މާލެ އާއި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ. އަދި އެފަދަ ކުށް ކުރާ މީހުނަށް ދެވެން އޮތް ހަރުކަށި އަދަބެއް ދިނުމަށް ދަނީ ގޮވާލަމުންނެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ދީ، ބިރުވެރިކަން އުފެދޭ އަމަލުތައް ތަކުރާރު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވައި، މީހުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން ފަދަ، ގާނޫނީ ހަމަތަކާއި އުސޫލުތަކާ ހިލާފު އަމަލުތައް ކުރިމަތި ކުރުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ފަދަ އަމަލުތަކަކީ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެއްވެ އަޑު އުފުލުމުގެ މަގްސަދާ ވެސް ހިލާފު ކަމަކަށް ވުމުން އެފަދަ އަމަލުތައް ހިންގައި މީހުނާއި ތަކެއްޗަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް ފުލުހުން ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ ބައެއް މީޑިއާތަކުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ހަބަރު ފެތުރުމާއި މިފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް އަނިޔާކޮށް ގޯނާ ކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާ މެދު ކަންކަން ކުރަން ޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮންމެ ފަރުދަކާ މެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށާއި، މި ފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް، ކުށް ކުރާ މީހުނާ މެދު ގާނޫނާ އެއް ގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އެންމެން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ. އެކަމަކު އެފަދަ ފުރުސަތުތަކުގައި ގާނޫނާ ހިލާފު އަމަލު ހިންގާ މީހުނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ކަނޑުހުޅުދޫގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އޭނާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައިވާއިރު އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގެ ތެރޭގައި އޮންނަނިކޮށް އާންމުންގެ ގިނަ ބަޔަކު އެތަނަށް އެއްވެ އެ ސަރަހައްދު ހަލަބޮލި ކުރި އެވެ. އެ ދުވަހުގެ ރޭ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާންމުންގެ ބަޔަކަށް އަނިޔާވިއިރު، ފުލުހުން ވަނީ ހަމަނުޖެހުން ހިންގައިގެން ބަޔަކު ހައްޔަރުކޮށްފަ އެވެ.