އުމަރު ނަސީރު

މާރިޔާ ކުރެއްވީ ގައުމަށް ވަރަށް ބޮޑު މަލާމާތެއް: އުމަރު

ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދި ކަމެއް ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމަކީ ގައުމަށް ކުރެއްވި ވަރަށް ބޮޑު މަލާމާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ. އެ ސިފައިން ރާއްޖެއިން ބާލަންޖެހޭ ކަމަށާ ދިވެހިންނަށްވެސް ހެލްކޮޕްޓަރު ދުއްވޭނެ ކަމަށް ވިދާޅުވެ އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އުމަރެވެ.

އުމަރު އޭނާގެ ފޭސްބުކް ޕޭޖް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި "މަތިންދާ ބޯޓް ދުއްވާ ސެކްޝަން" ގެ ނަމުުގައި އެއާ ވިންގެއް އޮތް ކަމަށެވެ. އަދި ދިވެހި ސިފައިން މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދުއްވާ އެ ތަކެތި ބެލެހެއްޓި ކަމަށެވެ.

"ރައީސް ނާސިރުގެ ވެރިކަމުގައި، މަރުހޫމް ކޮލި އަލިމަނިކުގެ މޭސްތިރި ކަމުގައި ކުދި މަތިންދާބޯޓާއި، ހެލްކޮޕްޓަރު ދައުލަތަށް ބައްލަވައިގަނެފައިވޭ. މި ތަކެތި ބަލަހައްޓާ، ދުއްވުމަށްޓަކަައި ދިވެހި ސިފައިން ތަމްރީން ކުުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލެޓުން ރާއްޖެ ގެނެސް ދިވެހި ސިފައިން ތަމްރީން ކުރި." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭގެ އަހަރުތަކެއް ފަހުން އެންއެސްއެސްގެ އެއާ ވިންގް ގެ ނަމަށް ބަދަލުކޮށް، ދިވެހި ޕައިލެޓުންނާ އިންޖިނިއަރުންގެ އެހީތެރިކަމުގައި ދިވެހި ސިފައިން ގެންދިޔައީ ހެލްކޮޕްޓަރާއި، އެއާ ކްރާފްޓް ދުއްވަމުން ކަމަށެވެ. އެގޮތުން އެކި ބްރޭޑްތަކުގެ ފަސް އެއާ ކްރާފްޓް އަދި ދެ ހެލްކޮޕްޓަރު ސިފައިން ދުއްވާފައިވާކަން އުމަރު ފާހަގަ ކުރެއްވިއެވެ. އުމަރު ވަނީ އެ ހެލްކޮޕްޓަރުތަކާއި، އެއާ ކްރާފްޓްތަކުގެ ބްރޭޑްތައްވެސް ހާމަ ކުރައްވާފައެވެ.

"އަދި 1992 ވަނަ އަަހރު އެއާ މޯލްޑިވްސްގެ ދަށައް މި އުޅަނދުތަކާއި، ޕައިލެޓުން އަދި އިންޖިނިއަރުން ބަދަލު ކުރެއްވި." ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕޭން އޮޕަރޭޝަން ހިނގާ ގައުމަށް އަމިއްލަ ސިފައިންނަށް ހެލްކޮޕްޓަރު ނުދުއްވޭނެ ކަމަށް ވިދާޅުވުމަކީ މި ގައުމަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

"ލޭ ގައި ގައުމީ ވިންދު ނުޖަހާނަމަ އިސްތިއުފާ ދެއްވާ." މާރިޔާއަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވިއެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ދިވެހިންނަށް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ލިބެނީ ފައިދާ ކަމަށެވެ. ހެލިކޮޕްޓަރުތައް ބޭނުން ކުރާނީ ގެއްލޭ މީހުން ހޯދުމަށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރާއްޖޭ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު، އެހެން އޮންނައިރު އެމަޖެންސީގައި ބަލި މީހުން އުފުލަން ޖެހޭ ފަހަރު ވެސް އާދޭ، އަދި މީހުން ގެއްލިގެން ހިންގާ ސާޗު އޮޕަރޭޝަންތަކުގައި ވެސް މި ބޭނުން ކުރަނީ މި ހެލިކޮޕްޓަރުތައް، މިފަދަ ހިދުމަތްތައް ލިބެނުްދާއިރު ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.