ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެ މީހުން ގެންގުޅޭ އަސްކަރީ ހަތިޔާރާއެކު ރާއްޖެއިން ފައިބަން މަޖުބޫރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.
އުމަރު ގެންދަވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.
އެ ގޮވާލެއްވުން ތަކުރާރު ކުރައްވާ ކުރީގެ މިނިސްޓަރު އުމަރު މިއަދުވެސް ވިދާޅުވީ ތަފާތު ބަހަނާތައް ދައްކައިގެން ރާއްޖޭގައި ދިހަ ވަރަކަށް އަހަރު އިންޑިއާ ސިފައިން ބައިތިއްބައިފި ކަމަށެވެ. އެހެންވީމަ އެ ވަރު ފުދިއްޖެ ކަމަށް ވިދާޅުވެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެ މީހުން ގެންގުޅޭ އަސްކަރީ ހަތިޔާރާއެކު ރާއްޖެއިން ފައިބަން މަޖުބޫރު ކަމަށް އުމަރު ވިދާޅުވިއެވެ.
އަވަސްއާ ވާހަކަދައްކަވަމުން އުމަރު މިއަދުވެސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ މީހުން ގެންގުޅޭ ހަތިޔާރަކާއެކު ރާއްޖެއިން ފޭބުމަށް ގޮވާލެއްވިއެވެ.
"ހަމަ ބަހަނާ ދައްކައިގެން މިތަނުގައި [ރާއްޖޭގައި] ތިބޭތާ މި ވަނީ ދިހަ އަހަރު. އަޅުގަނޑު މި ދަންނަވަނީ ދިވެހި ރައްޔިތުންނަށް މިވަރު ފުދިއްޖެއޭ. ހެލްކޮޕްޓަރު ދުއްވާނެ ދިވެހިން ނެތް ކަމަށް ބުނެ އެ މީހުން [އިންޑިއާ ސިފައިން] ބައިތިއްބަން އެ ދައްކަނީ ހުސް ބަހަނާ."
އުމަރު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއް ކަމަކީ އިންޑިއާ ސިފައިން މި ގައުމުން ބޭލުން ކަމަށެވެ.
"އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން. އެ މީހުން މި ގައުމުން ބާލާނަން. ހަމަ ޔަގީނުންވެސް އަޅުގަނޑުގެ ވެރިކަމެއްގައި މި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ."
ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންއެންޑީއެފުން ދާދި ފަހުންވެސް ވަނީ ބުނެފައެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއާގެ އިތުރުން ބައެއް އެހެން ޤައުމުތަކުންވެސް ޕައިލެޓުން ތަމްރީން ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
ހެލިކަޕްޓަރު ޕައިލެޓުން ތަމްރީން ކުރުމަށް މީހުން ހޯދުމަށް ވަރަށް ގިނަފަހަރެއްގެ މަތީން ވަނީ އިއުލާނުކުރެވިފައިވާ ކަމަށާ ނަމަވެސް އެކަމަށް ޝަރުތު ހަމަވާ މީހުން ކުރިމަތިނުލާ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
އަދި ހެލިކަޕްޓަރު، ޕައިލެޓުން ތަމްރީން ކުރުމަށް ކުރިމަތީވަމުންދާ ގޮންޖެހުންތަކެއް އެބަހުރިކަމަށް އާޒިމް ވިދާޅުވިއެވެ.
"އެގޮތުން އޭލެވަލް ގެ ފެންވަރު ހުރި ޝަރުތު ހަމަވާ ފަރާތްތައް ކުރިމަތި ނުލުމާއި، ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީ.ޕީ.އެލް) ހަދައިގެން ރާއްޖޭގެ އެހެނިހެން ކުންފުނިތަކުން ލިބޭ އުޖޫރަ ރަގަނޅު ވުމުން އެކުންފުނި ތަކަށް ޝައުގުވެރިވާކަން ފަހަގަކޮށްލެވޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާރުވެސް ކޮމާޝަލް ޕައިލެޓް ލައިސަންސް، ހަދާފައިވާ 3 ސިފައިންގެ މީހުން އެބަތިބި ކަމަަށާ އެފަރާތްތައް ހެލިކަޕްޓަރު ޕައިލެޓުންނަށް ވުމަށް ވަކި
ޚާއްސަ ތަމްރީންތަކެއް ހަދަން ޖެހޭ ކަމަށެވެ. އަރި އެކަމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރަމުން ކަމަށެވެ.
"އަދި ކުރިމަގުގައި ސީ.ޕީ.އެލް އާއި އެކުއެކީގައި ހެލިކަޕްޓަރު ޕައިލެޓް ޓްރޭނިން ހިމެނުމަށް ދަނީ އިންތިޒާމުތައް ހަމަޖައްސަމުން. އަދި މި އަހަަރުތެރޭގައި ހެލިކަޕްޓަރު ޕައިލެޓުން ޓްރޭނިންގ ކުރުމުގެ މަސައްކަތް ފެށެނޭ."
ދާދި ފަހުން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ބޭރުގެ އެއްވެސް ބަޔަކު ނުތިބޭ ކަމަށާއި އަސްކަރިއްޔާގައި ތިބެނީ ދިވެހިން އެކަނި ކަމަށެވެ. އެހެންކަމުން އަސްކަރިއްޔާގައި މިނިވަންކަމާއި އަމިއްލަވަންތަ ކަމެއް ނެތް ވާހަކައަކީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ދިވެހިންނަށް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ލިބެނީ ފައިދާ ކަމަށެވެ. ހެލިކޮޕްޓަރުތައް ބޭނުން ކުރާނީ ގެއްލޭ މީހުން ހޯދުމަށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ރާއްޖޭ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު، އެހެން އޮންނައިރު އެމަޖެންސީގައި ބަލި މީހުން އުފުލަން ޖެހޭ ފަހަރު ވެސް އާދޭ، އަދި މީހުން ގެއްލިގެން ހިންގާ ސާޗު އޮޕަރޭޝަންތަކުގައި ވެސް މި ބޭނުން ކުރަނީ މި ހެލިކޮޕްޓަރުތައް، މިފަދަ ހިދުމަތްތައް ލިބެނުްދާއިރު ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.