އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި އޮތް އެއްޗަކަށްވުރެ ނުރައްކަލީ އެގްރީމަންޓެއް އޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުތުރުތިލަފަޅުގައި ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ މިދިއަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ އުމަރު ވަނީ ޑޮކިއުމަންޓެއް ލީކުކޮށްލާފައެވެ. ދައުރުވާ ޑޮކިއުމެންޓް ބުނާ ގޮތުގައި އިންޑިއާގެ އަސްކަރީ ފަރާތްތަކަށް އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ތިބެވޭނެ އެވެ. މުއްދަތަކީ 30 އަހަރެވެ. އަދި ބޭނުންވެއްޖެ ނަމަ އެ މުއްދަތު އިތުރު 30 އަހަރަށް ދަންމާލެވިދާނެ އެވެ. އެތަނުގައި ތިބޭ މީހުނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހެ އެވެ. އެ އެތާނގައި އެހެން ފަރާތަކުން ވިޔަފާރީ ބޭނުމެއްވެސް އަދި އެހެން ބޭނުމެއް ކުރާނަމަވެސް އިންޑިޔާއާ މަޝްވަރާކޮށް ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް ލީކްކުރި ޑޮކިއުމަންޓްގައި ބުނެއެވެ.
ނަމަވެސް އެއްބަސްވުން ލީކުނުވާ ކަމަށާ އާންމުވެފައިވާ ފޭކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މައްސަލާގައި އުމަރު ނަސީރު ވިދާޅުވީ ނުރައްކަލީ އެއްބަސްވުމުގައި އޮތް އެއްޗެއް ނޫން ކަމަށާ ނުރައްކަލަކީ އެއްބަސްވުމެއް އޮތުން ކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ ތެރެއަށް ވަދެ ގަންނަން ގައުމަކުން ބޭނުންވާނީ ސަރުކާރުގެ އެންޑޯސްމަންޓެއް ކަމަަށެވެ. އެކަން މިހާރު ކޮށްފައިވާ ކަމަށާ އެހެން ކަމުން ނުރައްކަލީ އެއްބަސްވުން ކަމަށެވެ.
"އެންމެ ކަންބޮޑުވާ ކަމަކީ އެގްރީމަންޓްގައި ސޮއިކުރުން. އެގްރީމަންޓްގައި އޮތް އެއްޗަކަށްވުރެ މުހިންމީ އޭގައި ސޮއިކުރުން. ގައުމަކުން ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ވަދެގަންނަން ބޭނުން ކުރާނީ ސަރުކާރުގެ އެންޑޯސްމަންޓެއް. ޑޮކިއުމަންޓެއް ބޭނުންވަނީ އެ މީހުން އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ދައްކާލަން. މި އޮތީއޭ އެގްރީމަންޓް. އޭގައި އޮތް އެއްޗެއް ބޭނުމެއް ނުވާނެ. ނުރައްކަލަކީ އެގްރީމަންޓެއް އޮތުން. އެގްރީމަންޓްގައި އޮތް އެއްޗެއް ނޫން،" އުމަރު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި އުތުރުތިލަފަޅުގެ ފުރިހަމަ ކޮންޓްރޯލު އޮންނާނީ ދިވެހި ގައުމީ ދިފާއީ ބާރުގެ އަތުގައި ދިވެހި ސިފައިންނަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.
ޑިފެންސް ޗީފް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ހަދާފައިވާ އެއްބަސްވުމެއް އިންޑިއާއާއެކު އޮތް ނަމަވެސް އެތަނުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބޭނެ ވާހަކަ އެގްރިމެންޓްގައި ނޯންނާނެ ކަމަށާއި އެތަނަށް އަރައި ފޭބޭނީ ވެސް ގައުމީ ދިފާއީ ބާރުން ހުއްދަ ދޭ ބަޔަކަށް އެކަނި ކަމަށެވެ.
ޔޫޓީއެފްގެ މައްސަލައާ ގުޅުވައި މީޑިއާއަށް އައިސްފައިވާ ހުރިހާ ވާހަތަކެއް ދޮގު ކުރައްވަމުން ޑިފެންސް ޗީފް ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ދާ ފަރާތްތަކާއި މެދު އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ ބަލައި، އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އަޅާނެ ކަމަށެވެ.
"އެގްރިމެންޓް ކަރުދާހާ ގުޅިގެން ޖެނެރަލް އޮފިސަރަކު މައުލޫމާތު ދިންކަމަށް ވެސް ހަބަރު ފެތުރި. މިއީ ކަނޑައެޅިގެން ދޮގެއް. އެފަދަ އެއްވެސް އަމަލެއް ދިފާއީ ބާރުގެ އެއްވެސް ބޭފަޅަކު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ވަކި ކަމެއް ހާސިލް ކުރަން ގައުމީ ދިފާއި ބާރުގެ ބޭފުޅުންގެ އަގު ވައްޓާލަން މިފަދަ އިލްޒާމް އެޅުވުމަކީ ހިތާމަހުރި ކަމެއް. ވަކި ސިޔާސީ މަންފާއެއް ހޯދަން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާކަން ފާހަގަކޮށްލަން." ޝަމާލް ވިދާޅުވި އެވެ.
ޝަމާލް އިތުރަށް ވިދާޅުވީ ހަދާފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެއީ ގައުމީ ދިފާއީ ބާރުން ވަރަށް ބޭނުންވާ ފެސިލިޓީއެއް ކަމަށާއި އެތަން އޮޕަރޭޓްކޮށް އެތަނުގައި ތިބޭނެ ބަޔަކު ކަނޑައަޅާނީ ވެސް ސީދާ ދިވެހި ދައުލަތުން ކަމަށެވެ.
އެންމެ ކަންބޮޑުވާ ކަމަކީ އެގްރީމަންޓްގައި ސޮއިކުރުން. އެގްރީމަންޓްގައި އޮތް އެއްޗަކަށްވުރެ މުހިންމީ އޭގައި ސޮއިކުރުން. ގައުމަކުން ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ވަދެގަންނަން ބޭނުން ކުރާނީ ސަރުކާރުގެ އެންޑޯސްމަންޓެއް. ޑޮކިއުމަންޓެއް ބޭނުންވަނީ އެ މީހުން އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ދައްކާލަން. މި އޮތީއޭ އެގްރީމަންޓް. އޭގައި އޮތް އެއްޗެއް ބޭނުމެއް ނުވާނެ. ނުރައްކަލަކީ އެގްރީމަންޓެއް އޮތުން. އެގްރީމަންޓްގައި އޮތް އެއްޗެއް ނޫންއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
ދިވެހި ދައުލަތުން ބޭނުންވެއްޖެނަމަ މި އެގްރިމެންޓް އުވާލައި އަދި ބާތިލުކޮށްލުމުގެ ފުރިހަމަ ބާރު ދައުލަތަށް ލިބިގެންވާ ކަމަށްވެސް ޑިފެންސް ޗީފް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އުތުރު ޔޫޓީއެފް އެގްރިމެންޓްގައި އެހެން ގައުމުތަކުން މަނަވަރުފަދަ އެއްޗެހި އަންނަން ވަކި ގައުމަކަށް މަނައެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިތަނަކީ ބޭރުގެ ގައުމަކުން އޮޕަރޭޓްކޮށް ބޭރު ގައުމުތަކަށް ކުއްޔަށް ދިނުމަށް ހަދާ ތަނެއް ނޫން. މިތަނަކީ އަސްކަރީ ބޭސްއެއް ވެސް ނޫން އަދި އަސްކަރީ ބޭސްއެއް ހިންގާނެ ކެރެކްޓަރިސްޓިކްސް ވެސް ހުރިތަނެއް ނޫން. މިއީ ކޯސްޓްގާޑުގެ ތަނެއް" ޝަމާލް ވިދާޅުވި އެވެ.