ރިޕޯޓް

ރައީސް ޔާމީން އަނަރޫފަވީތަ؟ ރީތި ވީތަ؟

ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށާ އެ މަނިކުފާނު މިހާރު ހުންނެވީ މުޅިން ހިކި އަނަރޫފަވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހއ. ބާރަށުގައި ބޭއްވި ޖަލްސާއެއްގަ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެއީ ޖަލަށް ބަަދަލު ކުރެއްވި ފަހުން އަދި ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އޭނާއަށް ފެނިވަޑައިގަތް ފުރަތަމަ ފަހަރުން ސިފަވި ގޮތެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެހެން ކަމުން އަބްދުއްރަހީމް އެ ވާހަކައެއް ދެއްކެވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެއް މަހާއި، 24 ދުވަސް ފަހުންނެވެ. އަބްދުއްރަހީމްގެ ވާހަކަ އަޑު އެހި މީހުން ފުރަތަމަ ސުވާލު ކުރީ ރައީސް ޔާމީނަށް ހަމަ އެވަރުގެ ބަދަލެއް އަތުވެދާނެތޯ އެވެ؟ އެހެންވެ އެ ހަގީގަތް ބަލައިލަން އެންމެންގެ ޝައުގުވެރިކަން އޮތެވެ.

ރައީސް ޔާމީން ޖަލުގައި ބަންދު ކުރެވުނުތާ މިއަދަށް ބަރާބަރު ދެ މަސް ދުވަސްވީ އެވެ. މިއަދަކީ ދެ މަހަށް ފަހު ނޫސްވެރިންނަށް ރައީސް ޔާމީންގެ ފޮޓޯއެއް ނަގާލަން ލިބުނު ފުރަަތަމަ ފަހަރެވެ. އެހެން ކަމުން ރައީސް ޔާމީންގެ އެންމެ އަރިސް އެކުވެރިޔާ އެ ވިދާޅުވި ފަދަ ބަދަލުތަކެއް އެމަނިކުފާނުގެ ހަށިކޮޅަށް އައިސްފައިވޭތޯ ގިނަ ބަޔަކު ބަލާލަން ބޭނުންވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތަށް މިއަދު ރައީސް ޔާމީން މާލެ ގެނެސްފައި ވާއިރު، އަބްދުއްރަހީމް އެ ވިދާޅުވި ފަދަ "ހިކި އަނަފޫރަ" ކަމެއް އެމަނިކުފާނުގެ ހަށިކޮޅުން ފެންނާކަށް ނެތެވެ. ނަމަވެސް އެންމެ ފަހުން ރައީސް ޔާމީން ފެނިވަޑައިގެން އިރަށްވުރެ ހަށިގަނޑު ހިކިފައިވާ ކަމަށް ފާހަގަ ކުރެވެ އެވެ.

ރައީސް ޔާމީންގެ ފޮޓޯއެއް ދެ މަސް ދުވަސް ފަހުން ބަލާލަން މި ލިބުނީ އެވެ. އެމަނިކުފާނު މިއަދު މާލެ ގެނެވުނުއިރު ނަގާފައިވާ ފޮޓޯތައް ޝޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ އެކަމާއި ގުޅޭގޮތުން އެ މީހުންނަށް ފެންނަ ހިޔާލުތަކެއް ހިއްސާ ކުރަމުންނެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވި ބަހަށް އެއްބަސްވާ މީހަކު ނޫނީ ނުފެނެ އެވެ. ނަމަވެސް ވަރަށް ގިނަ މީހުންގެ ހިޔާލު އެއް ގޮތެވެ. އެ އެންމެންގެ ނަޒަރުގައި ވެސް ރައީސް ޔާމީން "ރީތި" ވީއެވެ. ކުރިން ހުރި ވަރަށްވުރެ ކުޑަކޮށް ހިކިފައިވުމުން ރައީސް ޔާމީން މިހާރު ފެންނަނީ އިހަށްވުރެ މާ ރީތިކޮށް ކަމަށް އެ މީހުންގެ ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

"އަބްދުއްރަހީމަށް ރީތި، ހަޑިވެސް ވަކި ނުވަނީ. ހިކި، ފަލަ ވެސް ނޭންގެނީ. އެހެން ނޫންނަމަ އެހެން ވިދާޅެއް ނުވާނެ."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އެހާ ބޮޑަށް ހިކި އަނަރޫވެފައި ވަނީ މިދިޔަ ދުވަސްތަކުގައި އެކައްޗެއް ފަރީއްކުޅުއްވަން ޖެހިވަޑައި ގަތުމުންނެވެ. އޭގެ ސަބަބުން އެމަނިކުފާނަށް އެކަށީގެންވާ މިންވަރަށް ފަރީއް ނުކުޅުއްވެ އެވެ. އަދި ކާން ގެންދާ އެއްޗެހި ރޯ ނުފިލުވާ ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ވަރަށް ދަތި އުނދަގޫ ދިރުުއުޅުމެއް އުޅެންޖެހުމަކީ ވެސް އެމަނިކުފާނުގެ ހަށިކޮޅަށް އެ ވަރުގެ ބަދަލެއް އަންނަން ޖެހުނު ސަބަބުތަކެވެ.

އަބްދުއްރަހީމް ވިދާޅުވި ފަދަ ބަދަލެއް ރައީސް ޔާމީންގެ ހަށިކޮޅަށް އައިސްފައި ނުވި ނަމަވެސް މީގެ ކުރިން އެފަދަ ބަދަލެއް ޖަލުގައި އައި ބޭފުޅަކު އެބަހުއްޓެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ. ޖަލަށް ލެއްވުުމުގެ ކުރިން ވަރަށް ފަލަކޮށް ހުންނެވި ނަމަވެސް ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު އާންމުންނަށް އަދީބް ފުރަތަމަ ފެނިލުމުން ވެސް ހައިރާން ކޮށްލިއެވެ.

ނަމަވެސް އެއީ ވެސް އަދީބު "ހިކިއަނަރޫފަ" ވުމެއްގެ ގޮތުގައި އާންމު ނުދެކެ އެވެ. އާންމުން ދުށީ އަދީބު ވެސް "ސްމާޓް" ވީ ކަމަށެވެ. ރީތިވެ ނަލަ ވީ ކަމަށެވެ.