ހަބަރު

މިތިބީ ބާޒުތަކުގެ ހަރަކާތަށް ލޯހުޅުވައިގެން: އަދުރޭ

Jan 10, 2021
1

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ބައިބައި ކުރަން ކުރާ މަސައްކަތަށް ލީޑާޝިޕުން ތިބީ ފާރަވެރިވެގެންކަމަށް ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓްގައި އޮތް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ހަވާލާދީ، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ އެމަނިކުފާނުގެ މެސެޖަކީ ޕީޕީއެމާއި ޕީއެންސީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން ކަމަށެވެ.

އަދި މިހާރުވެސް އިދިކޮޅު ކޯލިޝަނަށް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި، 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ވެސް އަމީން އެވެނިއު ފްލެޓެއްގައި އަދީބު ބެހެއްޓެވީ އެ ދެ ޕާޓީ ހަލާކު ކޮށްލެވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

"އެމަނިކުފާނު ވިދާޅުވީ މިކަން [މިހާރު ލިބެމުންދާ އަނިޔާ] ކުރިމަތިވީ މި އަދީބުގެ ސަބަބުންނޭ. އަދީބުގެ ފަހަތަށް، އަދީބުގެ ހެއްލުންތެރި ކަމަށް ވަރަށް ގިނަ ބަޔަކު ގޮސްގެންނޭ. އަދި މިއަދުވެސް ތިމަންމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމްއަށާއި ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަގީގަތުގައި އަދީބޭ. އަދީބު، އަމީން އެވެނިއުގައި ބަހައްޓާފައި އެ ހުރީ ސީދާ ޕީޕީއެމް، ޕީއެންސީ ހަލާކު ކޮށްލުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވީ،" ޖަމީލް ވިދާޅުވެފައިވެ އެވެ.

އެއާއެކު، ކޯލިޝަންގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާކަމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެފައި އެވެ.

ނޮވެމްބަރު 2019 ގައި ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ކުރިންވެސް، ޕާޓީއާ ދުރަށް ވަޑައިގަންނަވަންޖެހުނަސް "މިނިކާ ބާޒުތައް" ޕާޓީއަށް އަޔަ ނުދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައި އެވެ.

"ދުވަސްކޮޅަކަށް ތިޔަ ބޭފުޅުންނާ ވަކިވެލާން ޖެހުނަސް، ދެން ތިއްބެވި އިސް ބޭފުޅުންނަށް ހިތްވަރު ދެއްވުމަށް މިފަދަ ބައްދަލުވުންތަކަށް ގިނަގިނައިން ވަޑައިގަންނަވާށޭ، އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ
2019 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް

މިހާރު ފެތުރިގެން އުޅޭ އަޑުތަކަށް އިޝާރާތް ކުރައްވައި، އަދުރޭ މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަން ބައިބައި ކުރަން ގާތުންނާ ދުރުން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި، ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ކޯލިޝަންގެ ލީޑަޝިޕަށް އެބަ އޮތް ކަމަށެވެ.

"މިތިބީ ވަރަށް ރަނގަޅަށް ލޯހުޅުވައިގެން ބާޒުތަކުގެ ހަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލަން،" އޭނާ ވިދާޅުވި އެވެ.