މިދިޔަ 2019 ވަނަ އަހަރު އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނިއްޖެ އެވެ.
އދ. ގެ ފައިނޭޝިއަލް ޓްރެކިން ސާވިސްއިން ވަނީ 2019 ވަނަ އަހަރު އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރި ގައުމުތަކުގެ މައުލޫމާތު ހާމަކޮށްފަ އެވެ. އެ ގޮތުން މިދިޔަ އަހަރު ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ 35.8 ޕަސެންޓް ހިއްސާ ކޮށްފަ އެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރި ޖަރުމަނުން ވަނީ 9.5 ޕަސެންޓް ހިއްސާ ކޮށްފަ އެވެ. މި ލިސްޓްގެ ތިންވަނާގައި ވަނީ އިނގިރޭސިވިލާތެވެ. އެ ގައުމުން ވަނީ 7.8 ޕަސެންޓް ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރު ހަތަރުވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޔޫރަޕިއަން ކޮމިޝަނުންނެވެ. ޔޫރަޕިއަން ކޮމިޝަން ވެސް ވަނީ 7.8 ޕަސެންޓް ހިއްސާކޮށްފައި ވެއެވެ.
ފަސްވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ސައުދީ އަރަބިޔާއިންނެވެ. އެ ގައުމުން ވަނީ 5.5 ޕަސެންޓް ހިއްސާ ކޮށްފަ އެވެ. އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނިފައިވާއިރު، މިއީ މިހާތަނަށް އިސްލާމީ ގައުމަކުން ކުރި އެންމެ ބޮޑު ހޭދަ އެވެ. އަދި މިއީ އިންސާނިއްޔަތަށް އެންމެ ބޮޑު ހޭދައެއް ކުރި ފަސް ގައުމުގެ ތެރޭގައި އިސްލާމީ ގައުމެއް ހިމެނުނު ފުރަތަމަ ފަހަރެވެ.
މިދިޔަ އަަހަރުގެ ތެރޭގައި ސައުދީން ވަނީ 1,281,625,265 ޑޮލަރު އިންސާނިއްޔަތަށް އެހީވުމުގެ ޕްރަގްރާމްތަކަށް ހޭދަ ކޮށްފަ އެވެ.