ދުނިޔެ

ދީނީ ނަފުރަތާ ގުޅޭ ގަރާރަށް ސައުދީން މަރުހަބާ ކިޔައިފި

ދީނީ ބައިބައިވުން އުފައްދައި ނަފުރަތަށް މަގުފަހިކުރުން މަނާކުރުމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ގަރާރެއް ފާސްކުރުމުން ސައުދީ އަރަބިއްޔާއިން މަރުހަބާ ކިޔައިފި އެވެ.

މިއީ ސްވިޑަންގައި މިދާކަށް ދުވަހު އިސްލާމުންގެ މުގައްދަސް ފޮތް -- ކީރިތި ގުރުއާން އަންދައި ތައުހީނުކުރި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން (އޯއައިސީ) އަށް ނިސްބަތްވާ 57 ގައުމަކުން އދ އަށް ހުށަހެޅި ގަރާރެކެވެ.

އޯއައިސީގެ ފަރާތުން މި ގަރާރު އދ އަށް ހުށަހެޅީ ޕާކިސްތާނުންނެވެ.

ސްވިޑަންގައި ގުރުއާން އަންދާފައިވަނީ އެ ގައުމަށް ހިޖުރަކޮށްގެން އުޅޭ މުރުތައްދުވެފައި ހުރި އީރާގުގެ ރައްޔިތެވެ.

އޭނާ ވަނީ ގުރުއާން އެންދުމުގެ ކުރިން މުސްހަފުގެ ސަފުހާތައް ވީދައި އޭނާގެ ބޫޓު ފޮހެ ރުޅިވެރިކަން އުފެއްދުމަށް -- ކީރިތި ގުރުއާނަށާއި މުސްލިމުންނަށް ހަޖޫޖަހައި މަލާމާތްކޮށްފަ އެވެ.

އދ އިން ފާސްކުރި ގަރާރަށް ތާއީދުކޮށް ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމުންގެ މެދުގައި ނަފުރަތު އުފައްދަން ކުރާ ހުރިހާ ކަމަކަށް އެ ގައުމުން ދެކޮޅުހަދާ ކަމަށެވެ. އަދި ދުނިޔޭގެ ސުލްހައަށް އދ އިން ހިންގާ ޕްރޮގްރާމްތަކަށް ސައުދީން އެހީތެރިވެދޭނެ ކަަމަށް ވެސް ވަނި ބުނެފަ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ 47 މެމްބަރު ހިމެނޭ ކައުސިލްގެ 28 މެމްބަރުންގެ ތާއީދާ އެކު އެވެ. ގުރުއާން އެނދުން އެންމެ ރަނގަޅު ކަމަށް 12 ގައުމަކުން ބުނެފައިވާއިރު ހަތް ގައުމަކުން ވަކިކޮޅަކަށް ނުޖެހެ އެވެ.

މި ގަރާރަށް ތާއީދުކުރި ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، އާޖެންޓިނާ، ބަންގުލަދޭޝް، ބޮލީވިއާ، ކެމެރޫން، ޗައިނާ، އައިވަރީ ކޯސްޓް، ކިޔުބާ، އެރިތުރިއާ، ގޭބަން، ގެމްބިއާ، އިންޑިއާ، ކަޒަކިސްތާން، ކްރިގިސްތާން، މަލާވީ، މެލޭޝިއާ، ދިވެހިރާއްޖެ، މޮރޮކޯ، ޕާކިސްތާން، ގަތަރު، ސެނެގޯލް، ސޮމާލިއާ، ސައުތު އެފްރިކާ، ސޫދާން، ޔުކްރެއިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އުޒްބެކިސްތާން އަދި ވިއެޓްނާމް ހިމެނެ އެވެ.

ގުރުއާން އެންދުމަށް ތާއިދުކުރި ގައުމުތަކަކީ ބެލްޖިއަމް، ކޮސްޓާރިކާ، ޗެކް ރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރުމަން، ލިތުއޭނިއާ، ލަކްސަމްބާގް، މޮންޓެނީގްރޯ، ރޮމޭނިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.

ތުރުކީ އަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރަކަށް ނުވާތީ ވޯޓު ދިނުމުގެ ހައްގެއް ނޯވެ އެވެ.

ގުރުއާން އެންދުމާ އެއްކޮޅަށް ވޯޓު ދިނުމުގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ މި ގަރާރަށްވެސް މަލާމާތްކޮށް ދެކޮޅު ހަދާފަ އެވެ.