އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކަނާތު ފިޔައިގެ ހަރުކަށި އިތަމާރު ބެންގަވީރާ ހެދި ނަތަންޔާހޫ ހޫނުފެނަށް ވެއްޓިވަޑައިގެންފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެން ހުންނެވި ބެންގަވީރު އަލްއަޤްޞާ މިސްކިތުގެ ހަރިންމަ ތެރެއަށް ޖެނުއަރީ ތިނެއްގައި ކުރެއްވި ޒިޔާރަތާ ގުޅިގެން އަރަބި ގައުމުތަކުން ދިން ވަރުގަދަ ރައްދުން ނަތަންޔާހޫ އާޝޯހުވެ ވަޑައިގެން ބަސްހުއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިސްލާމީ އުންމަތަށް މުގައްދަސް ބިމެއް ގޮތުގައި އޮންނަ އަދި ތިންވަނައަށް އެންމެ މާތް ހަރަމަށް ޔަހޫދީ މުޑުދާރު އިތަމާރު ކުރެއްވި ދަތުރަކީ އަރަބިން އަދި އެންމެހައި އިސްލާމުން ރުޅިއަރުވައި މަސްލަހަތު ނަގާލުމަށް ގަސްދުގައި ކުރެވި ޒިޔާރަތެކެވެ.
އިތަމާރުގެ މި އަމަލު މުޅި ދުނިޔެ ކުށްވެރިކުރި ނަމަވެސް، ނަތަންޔާހޫ ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ގައުމުތަކުން ނެރުނު ބަޔާންތައް ކުށްވެރި ކުރައްވައި އިޒްރޭލަކީ ހުރިހާ ގައުމަކަށް ވުރެ އުހުގައި އޮންނަން ޖެހޭ ގައުމެއް ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
ނަތަންޔާހޫ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ޖެނުއަރީ އަށެއްގައި ކުރައްވަން އޮތް ދަތުރު ކެންސަލް ކުރައްވަން ޖެހިވަޑައިގަތީ، އަގްސާ މިސްކިތަށް އިތަމާރު ވަޑައިގަތުން ކުށްވެރިކޮށް އެ މައްސަލަ ބަލައިދިނުމަށް ސައޫދީ އާއި ޗައިނާއިން އދ. ގެ ސަލާމަތާ ބެހޭ މަޖިލީހަށް ހުށަހެޅި ހުށަހެޅުމުގައި ޔޫއޭއީ ބައިވެރިވުމުންނެވެ.
ޔޫއޭއީ އަކީ އަބްރަހަމް އެކޯޑްސް މެދުވެރިކޮށް އިޒްރޭލާ އެކު ގާތް ގުޅުމެއް އުފައްދާފައި އޮތް ގައުމެކެވެ. އަދި އެ ދެ ގައުމުން އަންނަނީ އިގުތިސާދީ، އިޖުތިމާއީ ގުޅުންތައް ހަރުދަނާކޮށް ވަރުގަދަ ކުރަމުންނެވެ.
ނަތަންޔާހޫ އިޒްރޭލުގެ ބޮޑުވަޒީރު ކަމާ ތިން ވަނަ ފަހަރަށް ހަވާލުވެ ވަޑައިގެން ގައުމު ރަނގަޅަށް މީޒާން ނުކުއްވިގެން އުޅުއްވަނިކޮށް ދިމާވެވަޑައިގެންނެވި މި ހާދިސާގެ ސަބަބުން ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް މާޔޫސްވެ ވަޑައިގެންފައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ނަތަންޔާހޫ މިހާރު ހުންނެވީ ޔޫއޭއީއަށް ވަޑައިގަތުމަށް އާ ތާރީހެއް އެ ގައުމުން އިއުލާނު ކުރައްވާނެ ކަމުގެ އިންތިޒާރުގަ އެވެ.
އިތަމާރުގެ އަމަލާ މެދު ހިތާމަކުރައްވާ ކަމަށް ނަތަންޔޫ ވިދާޅުވެ ވަނީ މާފަށް އެދިވަޑައިގަންނަވަން މަސައްކަތް ކުރައްވާފަ އެވެ. އެނާ ވިދާޅުވާން ބޭނުންފުޅުވީ އިސްލާމީ މުގައްދަސް ބިނާތަކަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ހާލަތު އެހެން ގޮތަކަށް ބަދަލުވެގެން ދިޔަ ނުދެއްވާނެ ކަމަށް ވެސް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބެންގަވީރާ މެދު ކުރިންވެސް ބުނެވުނީ އޭނާ އަކީ ފަލަސްތީން މީހުން ރުޅިއެރުވެން ހުރި ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ހުޅަނގު އައްސޭރީ އާއި އަގްސާ މިސްކިތުގައި މީގެ ކުރިންވެސް ހިންގާފައި ހުރި ހުރިހާ ހަމަނުޖެހުންތަކުގައި ބެންގަވީރުގެ ހައްދުފަހަނައެޅި އަމަލުތައް ވަނީ ފެނިފަ އެވެ.
ބެންގަވީރަކީ ފަލަސްތީނާ މެދު އަބަދުވެސް ހަރުކަށި ފިކުރުގެ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ. ފަލަސްތީން މީހުން އެ މީހުންގެ ބިންތަކުން ބޭރުކުރަން އޭނާ ވަނީ އެތައް ފަހަރަކު ގޮވާލައްވާފަ އެވެ.