ދުނިޔެ

އިންޑިއާއިން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

Jan 30, 2020

ނިއު ދިއްލީ (ޖެނުއަރީ 30) - ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އިންޑިއާއިންވެސް މިހާރު ފެނިފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އެ ވައިރަސް ފެނިފައިވަނީ، މިވަގުތު ކެރެލާގައި ހުރި މީހެއްގެ ގައިންކަމަށް އިދާރާތަކުން ރަސްމީކޮށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ މީހާއަކީ އެ ވައިރަސް އުފަންވި ޗައިނާގެ ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

އެ ދަރިވަރު ކަރަންޓީނުކޮށް، ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، އޭނާގެ ހާލު އަދި ރަނގަޅުކަމަށް އިދާރާތަކުން ބުނެފައިވެ އެވެ. އެ ވައިރަސް ޖެހުނު މީހަކު އިންޑިއާ އިން ފެނުމާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، މަޝްވަރާތައް ކުރަމުންނެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ.

ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދެމާއެކު ވެކްސިނެއް ހޯދުމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

ޗައިނާގައި ތިބި އެކި ގައުމުތަކުގެ މީހުން، އަނބުރާ ގެންދިޔުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މި ދަނޑިވަޅުގައި ޗައިނާ އަށް ދަތުރުނުކުރުމަށް ގިނަ ގައުމުތަކުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ. ބައެއް ގައުމުތަކުން ޗައިނާ އިން އަންނަ މީހުނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ހުއްޓާލަމުންދާއިރު، ބްރިޓިޝް އެއާވޭސް އިން އިއްޔެ ވަނީ ޗައިނާއަށް ކުރާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް ހުއްޓާލައިފަ އެވެ.