ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި ދުނިޔެ ބަލިމަޑުކަމަކަށް ތައްޔާރުވާން އެދިއްޖެ

Feb 25, 2020
1

ބެއިޖިންގް (ފެބްރުއަރީ 25) - ޗައިނާ އިން ފެނިގެން އުޅޭ އާ ކޮރޯނާ ވައިރަސް، އަދި ބަލިމަޑުކަމެއްގެ ދަރަޖައަށް ނުދިޔަ ނަމަވެސް، އެފަދަ ހާލަތަކަށް މުޅި ދުނިޔެ ތައްޔާރުވެ، ދުރަލައި ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިލްތިމާސްކޮށްފި އެވެ.

ޑަބްލިޔުއެޗްއޯއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ޔޫރަޕުންނާއި މެދުއިރުމަތިން ކޮރޯނާ ވައިރަސްގެ އިތުރު ކޭސްތައް ފެނި، މަރުވި މީހުންގެ އަދަދުވެސް އިތުރުވެފައިވަނިކޮށެވެ.

ދެކުނު ކޮރެއާ، އިރާނު އަދި އިޓަލީގައި ވައިރަސް ފެތުރިގެންދާ ދުވެއްޔާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޗައިނާ އިން ފެންނަ ކޭސްތައް މި ފަހުން މަދުވެފައިވާތީ، ވައިރަސް ކޮންޓްރޯލްކުރެވޭނެ ފުރުސަތު ބޮޑުކަމަށް ޑަބްލިޔުއެޗްއޯގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.

އިޓަލީން މިހާތަނަށް 200 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ބައެއް ސަރަހައްދުތަކުގައި ފުޓުބޯޅަ މެޗުތައް ކެންސަލްކުރުމާއި އެއްވުންތައް ބޭއްވުންވެސް އިޓަލީ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

އިރާނުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާއިރު، އަވަށްޓެރި އިރާގު، ކުވެއިތު، ބަހްރެއިން، އޮމާން އަދި އަފްގާނިސްތާނުން ވެސް މިހާރު ވަނީ ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ. އެ ފަސް ގައުމަށް ވައިރަސް ފެތުރުނީ އިރާނުން ކަމަށް ބެލެވޭތީ، ޑަބްލިޔުއެޗްއޯގެ ޓީމެއް މިހާރު ވަނީ އިރާނަށް ފޮނުވައިފަ އެވެ.

ޗައިނާ އިން ބޭރުން މިހާރު އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ދެކުނު ކޮރެއާ އިންނެވެ. އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 830 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެކަމާ ގުޅިގެން ބައެއް ބޮޑެތި އެއާލައިންތަކުންވެސް ވަނީ ދެކުނު ކޮރެއާގެ ބައެއް ސިޓީތަކަށް ދަތުރުތައް މެދުކަނޑާލައިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ސަރަހައްދުން ފެނުނު އާ ކޮރޯނާ ވައިރަސް މިހާރު ވަނީ 30 ގައުމަކުން ފެނިފަ އެވެ. ހަމައެކަނި ޗައިނާގައި އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 77،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 2،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.