ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސް މީހުނަށް: ދިރާސާ

Feb 18, 2020

ބެއިޖިންގް (ފެބްރުއަރީ 18) - ޗައިނާ އިން އުފަންވެގެން ދުނިޔޭގެ ގިނަ ގައުމުތަކަކަށް މިހާރު ފެތުރިފައިވާ އާ ކޮރޯނާ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް މީހުންނަށާއި ބަލި މީހުނަށްކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ފަހު ކޮޅު، ޗައިނާގެ ހޫބޭ ސަރަހައްދުން ވައިރަސް ފެނުނު ފަހުން، އެ ވައިރަސް ޖެހިފައިވާ 70،000 އަށް ވުރެ ގިނަ މީހުންގެ ހާލަތަށް ބަލައި، ޗައިނާގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އެކުލަވާލި ދިރާސާގައި ބުނީ، "ކޯވިޑް-19" ގެ ނަމުން ނަން ދީފައިވާ އާ ކޮރޯނާ ވައިރަސް 80 ޕަސަންޓް ކޭސްތަކުގައި ޕޭޝަންޓުން ސީރިއަސް ހާލަތަކަށް ނުދާ ކަމަށެވެ.

އެ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް މީހުންނަށާއި ބަލި މީހުނަށްކަމަށް ދިރާސާގައި ބުނެފައިވާއިރު، މަރުވާ މީހުންގެ ނިސްބަތަކީ 2.3 ޕަސަންޓްކަމަށް ދައްކަ އެވެ. އަދި ސިއްހީ ހިދުމަތްދޭ ސްޓާފުންނަށް އޮތް ނުރައްކާ ބޮޑުކަމަށްވެސް ބުނެފައިވެ އެވެ.

އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސްގައި މަރުވި މީހުންގެ ނިސްބަތް ހުރީ 2.9 ޕަސަންޓްގައި ކަމަށްވާއިރު، ޗައިނާގެ އެހެން ސަރަހައްދުތަކުގައި އެ ނިސްބަތް ހުރީ 0.4 ޕަސަންޓުގައި ކަމަށް އެ ވައިރަހާ ގުޅިގެން މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ހެދި ދިރާސާގައި ބުންޏެވެ.

އިއްޔެ ޗައިނާއިން އާންމުކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 72،436 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 1،886 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، 12،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެ، ހޮސްޕިޓަލުތަކުން ދޫކޮށްލެވިފައިވާކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.

ދިރާސާގެ އިތުރު ހިސާބުތައް

  • ވައިރަސް އަރާ މީހުންގެ ތެރެއިން ބޮޑުވަރުވަނީ 13.8 ޕަސަންޓް މީހުން
  • ވައިރަސް އަރާ މީހުންގެ ތެރެއިން ސީރިއަސް ހާލަތަކަށް ދަނީ 4.7 ޕަސަންޓް މީހުން
  • މަރުވި މީހުންގެ ތެރެއިން 14.8 ޕަސަންޓަކީ އުމުރުން 80 އަށް ވުރެ މަތީ މީހުން
  • ނުވަ އަހަރުން ދަށުގެ ކުއްޖެއް މިހާތަނަށް މަރުވެފައެއް ނުވޭ