ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް: ޗައިނާއިން ބޭރުން ފުރަތަމަ މަރު

Feb 2, 2020

މަނީލާ (ފެބްރުއަރީ 2) - ޗައިނާ އިން އުފަންވެގެން ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފިލިޕީންސްގައި މަރުވެފައިވާކަން އެ ގައުމުން ބުނެފި އެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ފެތުރެންފެށި ވައިރަސް ޖެހިގެން ޗައިނާ ނޫން ގައުމެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ 44 އަހަރުގެ ޗައިނާ މީހާ ފިލިޕީންސަށް އައިސްފައިވަނީ، އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ސަރަހައްދުންކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުންޏެވެ. އަދި އޭނާ ބަލިވެގެން، މަނީލާގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި ފަހުން، ނިއުމޯނިއާޖެހި އޭނާގެ ފުރާނަ ސަލާމަތްކުރެވޭވަރަށްވުރެ އޭނާގެ ހާލު ސީރިއަސްވީކަމަށް، ފިލިޕީންސްގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެ އެވެ.

އެ މީހާ ފިލިޕީންސަށް އައިސްފައިވަނީ، ހޮންކޮންގް މަގުންނެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު، ފިލިޕީންސްގައި މަރުވި މީހާއާ ގުޅިގެން އިތުރަށް ކަންބޮޑުވާންޖެހޭ ސަބަބެއްނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

"މިއީ ޗައިނާ ނޫން ގައުމެއްގައި ވައިރަސް ޖެހުނު މީހަކު މަރުވި ފުރަތަމަ ފަހަރު ނަމަވެސް، އެ މީހާއަށް ބަލި ޖެހުނީ ވައިރަސް އުފެދުނު ސަރަހައްދުން،" ފިލިޕީންސްގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު ރަބިންދުރަ އަބޭސިންހަ ވިދާޅުވި އެވެ.

އެ މީހާއާއެކު އެއް ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރުން ހޯދައި، އެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފަ އެވެ.

އެ މީހާ މަރުވެފައިވަނީ، ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން ފިލިޕީންސަށް ވަނުން މަނާކޮށްފައިވަނިކޮށެވެ.

އެ ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ފިލިޕީންސްއެކޭ އެއް ފަދައިން، ސީދާ ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން އެތެރެވުން ގިނަ ގައުމުތަކުން އަންނަނީ މަނާ ކުރަމުންނެވެ.

ނަމަވެސް، އެ ފަދަ ފިޔަވަޅެއް އަދި ނޭޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި އެ ފަދަ ފިޔަވަޅެއް އެޅުމުން، އެ ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ސަބަބަކީ އެތެރެވުން މަނާކުރުމުން، ގަވައިދާ ހިލާފަށް ގައުމުތަކަށް މީހުން ވަންނަން ފެށޭނެ ކަމަށާއި، އެއާއެކު ވައިރަސް ޖެހިފައިވާ މީހުން ދެނެގަންނަން ކުރާ މަސައްކަތަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.

ސީދާ ޗައިނާ އިން އަންނަ އެހެން ގައުމުތަކުގެ މީހުން އެތެރެވުން އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާނު އަދި ރަޝިއާ ފަދަ ގައުމުތަކުން މިހާރުވެސް ހުއްޓުވާފައިވާއިރު، ޑަބްލިއުއެޗްއޯގެ ލަފަޔާ ހިލާފަށް އެފަދަ ފިޔަވަޅެއް އަޅާފައިވާތީ، ޗައިނާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.