ޕީޓްރަލް ޕާކް ފަސްޓް ޗެސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ޖަނަވަރީ 30 ފެށިގެން ފެބްރުއަރީ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތަކީ ޕީޓްރަލް ޕާކް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އިތުރު ކުރުމުގެ ގޮތުން އެ ސަރަހައްދުގެ ބަޔަކު އިސް ނަގައިގެން ބޭއްވި މުބާރާތެކެވެ.
ޕީޓްރަލް ޕާކް ފަސްޓް ޗެސް ޓޯނަމަންޓްގައި 28 ކުޅުންތެރިޔަކު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެނެވެ.
މުބާރާތުގައި އެކި އުމުރުފުރާގެ މީހުން ބައިވެރިވެފައިވާއިރު މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިބްރާހިމް ހަލީލް ވިދާޅުވީ އެއީ ފެށުމެއް ކަމަށެވެ. އަދި އުންމީދަކީ މިފަދަ މުބާރާތްތައް ޕީޓްރަލް ޕާކް ސަރަހައްދުގައި ބާއްވަމުން ދިއުން ކަމަށެވެ.
ހަލީލް ވިދާޅުވީ މި މުބާރާތް ބޭއްވުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝިނާނާއި، މައްލާ ނާސިރުގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަަމަށެވެ. އަދި ޗެސް އެސޯސިއޭޝަންގެ ފަރާތުން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ދިނުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއްގައި ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރިކޮށް ދެއްވީ ވެސް ޝިނާނެވެ.
މި ރަސްމިއްޔާތުގައި ދެ ޑިވިޝަނުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ކުޅުންތެރިންނަށް ވަނީ ފައިސާގެ އިނާމާ، ޓްރޮފީ އަދި މެޑަލްއާއި ހަނދާނީ ލިޔުން ހަވާލު ކޮށްފަ އެވެ.
މައްޗަންގޮޅީ ސަރަހާގެ ޕީޓްރަލްއާވީ ކަންމަތީގެ ޕާކަކީ ދުވަސްވީ މީހުން ވަރަށް ގިނައިން ހިތްފަސޭހަ ކޮށްލަން ތިބޭ ސަރަހައްދެކެވެ. އެ ޕާކްގައި ކޮންމެ ދުވަހަކުވެސް އެކި އުމުރުގެ މީހުން ޗެސް ކުޅެ އެވެ.