ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ދޭއްގެ އެއް ވަނަ، ކުލަބު ވެލެންސިއާއިން ހޯދައިފި އެވެ. އެ ގުރޫޕްގެ ދެ ވަނަ ހޯދީ ޕީކޭ ސްޕޯޓްސް ކުލަބެވެ.
ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އާއި ދެ ވަނަ ޓީމެވެ. މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ތައްޔާރުވީ ތަޖުރިބާކާރު ޓީމަކާއެކު އެވެ. އެ ޓީމުން ގުރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުކޮށް ހަތް ޕޮއިންޓާއެކު އެވެ.
ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި ލިސްޓް ކޮށްފައި ވަނީ ކުރިން އެޓީމުގެ ޔޫތު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އިލްމާހު ހުސައިން (މައު) އެވެ. ނަމަވެސް މެޗުތަކުގައި ޓީމަށް އިރުޝާދު ދެނީ 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ. ގުރޫޕްގެ ދެ ވަނަ ހޯދި ޕީކޭ ވަނީ، ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ކޯޗަކީ މިހާރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިން ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ) އެވެ.
ސެމީ ފައިނަލުގައި ވެލެންސިއާ ނުކުންނާނީ ގުރޫޕް އެކެއްގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ފަސް ޓީމު ހިމެނޭ އެ ގުރޫޕްގެ މެޗުތައް އަދި ކުޅެ ނުނިމެ އެވެ. ގުރޫޕްގެ ދެ ވަނައިގައި މިވަގުތު އޮތީ ހަ ޕޮއިންޓާއެކު އޮތް މިދިޔަ އަހަރުގެ ރަނަރަފް ޖޭޖޭ ސްޕޯޓްސް ކުލަބެވެ. އެއް ވަނައިގައި މި ވަގުތު އޮތީ ހަތް ޕޮއިންޓާއެކު އޮތް ސްޕަ ޔުނައިޓަޑެވެ. ޖޭޖޭ އާއި ސްޕަ ޔުނައިޓަޑް މިރޭ ބައްދަލު ކުރާނެ އެވެ.