އަލީ ސުޒޭން

ގުރީންއިން ސުޒޭން އަށް ރިލީޒް ދީފި

ދެފަރާތް އެއްބަސްވެ، ގްރީން ސްޓްރީޓުން ކޯޗް އަލީ ސުޒޭންއަށް ރިލީޒް ދީފި އެވެ.

ގްރީންގެ ކޯޗް ކަމާ ސުޒޭން ހަވާލުވީ 2018 ވަނަ އަހަރު ފެބްރުއަރީ ގަ އެވެ. ކުލަބުން މިރޭ ނެރުނު ކުރު ސްޓޭޓްމެންޓްގައި ބުނެފައި ވަނީ ދެ ފަރާތް އެއްބަސްވެ ކޯޗް ސުޒޭންއަށް ރިލީޒް ދިނުމަށް ކުލަބުން ނިންމާފައިވާ ކަމަށެވެ. އެ ސްޓޭޓްމެންޓްގައި އިތުރަށް ބުނެފައި ވަނީ، ކުލަބުގެ ހަޔާތުގައި އެންމެ ކާމިޔާބު ކޯޗަކީ ސުޒޭން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭ ކުޅުންތެރިންގެ މެދުގައި ޕްރޮފިޝަނަލިޒަމް އާއި ހަރުދަނާ ވޯކް އެތިކްސްއެއް ދެމެހެއްޓުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ސުޒޭން ވަނީ، މިއަހަރު ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރަކަށް ގްރީން ގެންގޮސްދީ، ޕްރެޒިޑެންޓް ކަޕަށް އެ ޓީމު ކޮލިފައި ކޮށްދީފަ އެވެ. މިއީ ގްރީންގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރެވެ. ސީޒަންގެ ވަކި ހިސާބަކުން ޓީމުތަކަށް ކުރިމަތިވި މާލީ މައްސަލަތައް ގްރީންއަށްވެސް ކުރިމަތިވި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި މިހާރު ހުރި އެންމެ ކާމިޔާބު ކޯޗަކީ ސުޒޭން އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާއަށް ތަށިތައް ހޯދައިދިން ސުޒޭން ވަނީ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދާފަ އެވެ. އެއީ މިހާރު އެކްޓިވްކޮށް މަސައްކަތް ކުރާ ކޯޗުންގެ ތެރެއިން ބޮޑު ރެކޯޑެކެވެ.

ސުޒޭން ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. އޭނާ ވަނީ އެ މުބާރަތުގައި ބައެއް ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔަބު ހޯދައިދީފަ އެވެ. ނަަމަވެސް ސުޒޭންގެ ފުޓްބޯޅައިގައި ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗިންގައިވެސް އެންމެ ގިނަ ކާމިޔާބު ހޯދައިދިނީ މިހާރު އަޑިއަޅާލާފައިވާ ވިކްޓްރީ އަށެވެ.