AVAS PHOTO ESSAY

ޕެލެޓްގަނޑެއް މަތީގައި: ޝަކުވާއެއް ނެއްތަ؟

ދަތުރުވެރިންގެ މާރުކޭޓް ބަންދުވުމުން ގޮޅިތަކުގެ ވިޔަފާރިވެރިން މިހާރު ވިޔަފާރި ކުރާ ގޮތް ދައްކުވައިދޭން އަވަސް އޮންލައިނުން ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓް -- އަވަސް ވީޑިއޯ | އާއިމް ޒަމީރު

ފަހަރަކު މީހަކު ޝަކުވާ ކުރަމުން ދިޔަ އެވެ. އޭގެ ތެރެއިން ބަސް ގަދަ އަޑު ވެސް ހުރި އެކަކު އިސްވެ ބުނާން ފެށި އެވެ: "އޭއި ކައިރިއަށް އައިސްބަލަ؟ މިތާ މި ކުޑަ ދަށުގައި މަޑު ކޮށްލައިގެން ހުރެބަލަ، ކިހާ އިރަކުތޯ ހުރެވެނީ ބަލައިލަން؟ ތަކެއްޗާއި މުދާތައް ހިފަައިގެން މާލެ އައިސް އަހަރުމެންނާއި މުދާތައް ވެސް މިތާނގެ މި ހޫނުގައި ފިހި ހަލާކު ވަމުން މިދަނީ. އަހަރެމެން މިހެން ތިބޭތާ ލައްކަ ދުވަސް ވެއްޖެ. އަހަރެމެންނަކަށް ހިޔަލެއް ވެސް ނެތް، އަދި މާރުކޭޓެއް ވެސް ނެތް، އަހަރެމެނަށް ވާރެއާ އަތްވާއި ނިކަމެތިކަން،"

ބާޒާރުމަތިން އެ އޮތީ ދިމާއަށް ފެންނާށެވެ. އެއީ ހަމަ އަސްލަށްވެސް ހަގީގަތެވެ. އޭނާ ވެސް އެކުގައި ދެންތިބި ދަތުރުވެރި ވިޔަފާރިވެރިން ވެސް ހަމަ އެއްވެސް ދޮގެއް ނުހަދަ އެވެ.

ދަތުރުވެރިންގެ މާރުކޭޓު ކުރިމައްޗަށް ބޮޑުތަކުރުފާނުގެ މަގުން، ދަތުރުވެރިން އެ މީހުން ހައްދާ ތަކެތި ޕެލެޓްގަނޑެއްގައި އަތުރައިގެން ތިބޭ "މާރުކޭޓުު" ގައި މަޑުކޮށްލައިގެން މާ ގިނަ އިރަކު ހުންނާކަށް ކެތެއް ނުކުރެވޭނެ އެވެ. އެކަމަކު އެ މީހުން އެ ތަކެތި ވިއްކާން އެހެން އަވީލެވި މަގުމަތީގައި ތިބޭތާ މިހާރު ހަތް މަސްވެއްޖެ އެވެ.

ގޮނޑި ޖަހާލައިގެން ބޯ ހިޔާ ވާނެ ގޮތަށް ކުޑައެއް ނޫނީ ސަތަރި ގަނޑެއް ދަމާލައިގެން ތިބެނީ އެވެ. އަދި އެ މީހުން ރަށްރަށުގެ ދަނޑުތަކުން ގަންނަ މޭވާއާ އާއި ތަރުކާރީގެ ބާވަތްތަކާއި އެހެނިހެން ތަކެތި ކޮބައިހެއްޔެވެ؟ އެވެސް އެއްވެސް ތަރުތީބެއް ނެތި "އެތާ އެކަތި މިތާ އެކަތި" ބާވައިގެން ތިބެނީ އެވެ. ކުރިމަތީގައި އެ މީހުންގެ މާރުކޭޓް ހުހަށެވެ. އެތާކު އެއްވެސް ކަމެއް ނުހިނގަ އެވެ.

ހިޔާ ހޯދުމަށް ސަަތަރި ދަމައިގެން ވިޔަފާރި ކުރެވޭތޯ މަސައްކަތް ކުރޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
ހިޔާ ހޯދުމަށް ސަަތަރި ދަމައިގެން ވިޔަފާރި ކުރެވޭތޯ މަސައްކަތް ކުރޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

މި މަގުމަތީން އެއްބައި ހިފައިގެން އަތުރާފައިވާ ދޮން އަނބު ތަކާއި ދޮންކެޔޮތައް އެއް ފަޅީން ފިހި ހަލާކު ވާން ފަަށާފައި ވެއެވެ. އެ ތަކެތި އެގޮތަށް ދެ ތިން ދުވަހަކު ބަހައްޓައިފި ނޫނީ ނުވިކި ހިނގައްޖެ ނަމަ ޔަގީނުން ވެސް ވާނީ ހާލާކެވެ. މޭވާތަކާއި ތަރުކާރީތައް އެހެން އަތުރައިގެން ވިއްކޭތޯ ދަރުވެރި ވިިޔަފާރިވެރިން ތިބެނީ އެހެން ގޮތެއް ނެތިިގެނެވެ. އަދި ޝަކުވާއެއް ކުރުމެއް ވެސް ނެތި އެވެ.

"ކުރިމަތީ އެ އޮތީ އަހަރެމެނަށް ހަދާފައިވާ ތަނެއް. އެ ގެއިން ނެރެ މަގުމަތި ކޮށްލީމައި އިތުރު ގޮތެއް ނެތިގެން މިހެން ތިބެން މަޖުބޫރުވީ،" އެކަކު ބުންޏެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި މުދާ އުފުލާ ދޯނިތަކާއި ހޯލްސޭލް ރީޓެއިލް ވިޔަފާރިތަކާއި މަސް މާރުކޭޓާއެކު އެކުލެވޭ ދަތުރުވެރިންގެ މާރުކޭޓުގައި ބޮޑު ތަޅެއް އަޅުވައި ބަންދު ކުރިތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. އޭގެ ފަހަށް މުދާތަކާއެކު ވިޔަފާރިވެރި ދަތުރުވެރީން ތިބެނީ އެ ހިސާގަނޑު މަގުމަތީގައި ޕެލެޓުތަކެއް އަތުރައިގެނެވެ. އޭގެ ސަބަބުން މަގުގެ ބޮޑު ބައެއް ވެސް އޮންނަނީ ބެދިފަ އެވެ.

ވިޔަފާރިވެރިން ވަގުތީ ގޮތުން ޖަހާފައި ހުރި ކުޑައެއްގެ ދަަށުގައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
މުދާތަކަށް ގެއްލުން ލިބި ކޮންމެ ދުވަހަކުވެސް ވިޔަފާރި ދަނީ ދަށަށް -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

އެގޮތަށް އަވީގައި ތަކެތި ބަހައްޓައިގެން އެ ވިކޭ އިރު އަނެއްބައި ތަކެތި ފީވެ ހަލާކުވެ އެވެ. ބައެއް ތަކެތި ކުނިވެ އެވެ.

ދަތުރުވެރީންގެ ތެރެއިން މީހަކު އޭނާގެ ވިއްކާން ބަހައްޓާފައި ހުރި ކުރުނބާތަކެއް ދައްކާލަމުން ބުނި ގޮތުގައި އެ ކުރުނބާތައް ހެދިތާ އަދި ގަޑިއެއްހާއިރެއް ނުވާނެ އެވެ. އެކަމަކު މިހާރު ވެސް ގަދަ ހޫނާއެކު އެވަނީ ހެދިތާ ދެތިން ދުވަސްވެފައި ކުރުނބައަށް ބަދަލުވެފަ އެވެ. ދެން އެ ގަންނާނީ ހާލަކުން މީހެކެވެ. އޭނާ ބުނާ ގޮތަށް އެހެން ގިނަ ތަކެތީގައި ވެސް ތާޒާ ކަމެއް ނެތެވެ. މި ސަބަބުތަކާ ހުރެ ދުވާލަކު އެެތައް ހާސް ރުފިޔާގެ ގެއްލުން އެ މީހުނަށް ލިބެ އެވެ.

ވިޔަފާރިވެރިން ތިބީ ރޯދަ އަށް މާރުކޭޓަށް ވަދެވޭނެ ކަމުގެ އުއްމީދުގައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

"އަހަރުމެންްނަށް އުނދަގޫ ވަނީ މިހެން އަވީގައި ތިބެން ޖެހޭތީ. އެއް ދުވަހުން އެތައް އެއްޗެއް ހަލާކުވޭ އެބަ. ކޮންް ތާޒާ ކަމެއް މިއަށް ލިބޭނީ؟ މި ހުންނަނީ މޭވާތައް އެއްފަޅީން ފިހި ކަޅުވެފައި. އެކަމަކު މިއީ އަަލިފާން ޖަހާ އަންދާފައި ހުރި އެއްޗިއްސެއް ނޫން. މިތާނގެ ގަދަ ހޫނު ހަމަ ހަލާކު ވެގެން ދަނީ"

މި ސަރަހައްދުން އިތުރު މީހަކު ބުނި ގޮތުގައި މާރުކޭޓުން މީހުން ނެރެ ކޮންމެ ފަހަރަކުވެސް ބޭރު ކޮށްލަނީ "ދެން މާ ރަނގަޅު ވާނެ" ކަމަށް ބުނެ އުއްމީދު އާކޮށް ދީގެނެވެ. ނަމަވެސް މިއަަދާ ހަމައަށްވެސް އެ ސަރަަހައްދުގައި ދާއިމީ ގޮތަކަށް ތިިބެވޭނެ ކަމުގެ އިޝާރަތެއް އެއްވެސް ސަރުކާރަަކަށް ނުދެވެ އެވެ.

ގިނަ މޭވާތައް އަވީގައި ބަހައްޓަން ޖެހުމުން އަވަހަށް ހަލާކުވޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
ގިނަ މޭވާތައް އަވީގައި ބަހައްޓަން ޖެހުމުން އަވަހަށް ހަލާކުވޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ވޭތުވެދިޔަ ދުވަސްތަކުގައި މާރުކޭޓުގެ ގޮޅިތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ވެސް ނުވެ އެވެ. އާބާތުރަ ފިލުވާފައެއް ވެސް ނުވެއެވެ. ކުރީ ސަރުކާރުގައި ގެނައި ބަދަލު ނޫން ބަދަލެއް އަދިއެއް ނެތެވެ.

"ކޮންމެ ދުވަހަކު ދޭހާ އަވީގައި ވެހޭހާ ވާރޭގައި ތިބެން މި ޖެހެނީ މިތާ. މިހާރު އެތައް މަހެއް ވެއްޖެ ވަގުތީ ގޮތުން ތަން ހުސް ކުރިތާ ވެސް. މިކަމަށް ހައްލެއް ގެނެވޭނެ ދުވަހަކީ ކޮން ދުވަހެއް ކަމެއް ނޭނގުނު ހަމަ. އަަދިވެސް މި ތިބެނީ ބޮޑު އުއްމީދަކާއެކު" އެއް ވިޔަފާރިވެރިޔަކު ބުންޏެވެ.

މުދާތަށް ނުވިކި ގިނަ ދުވަސްވާތީ ގެއްލުންތައް ލިބޭ ކަމަށް ގިނަ ފަރާތައް ބުނޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
މުދާތަށް ނުވިކި ގިނަ ދުވަސްވާތީ ގެއްލުންތައް ލިބޭ ކަމަށް ގިނަ ފަރާތައް ބުނޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

މާރުކޭޓު ހުހަށް އޮތް އިރު، ތަކެތި ވިއްކަން މަގުމަތިން ވިއްސަކަށް މީހުން ފެނެ އެވެ. މީހުން މަދުވެފައި ވަނީ އަވީގައި އުޅެން ޖެހުމުން ބުރަވުމާއި ތަކެތި ހަލާކުވެ ގެއްލުން ވަމުންދާތީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލާފައި ދިއުމުންނެވެ. މަސައްކަތަށް ނުކުމެ އުޅޭ މީހުން ފުޅިމަދު ފޮށިގަނޑުތަކާއި ޕެލެޓްގަނޑުގަނޑުތައް މައްޗަށް ތަކެތި އަަޅައިގެން ހެނދުނު ހެނދުނާ ނުކުމެ ސަތަރިކޮޅަކުން ހިޔާ ކޮށްލައިގެން އެއްޗެއް ވިކޭތޯ ތިބެނީ އެވެ.

މިދިޔަ އޯގަސްޓު މަހުން ފަށައިގެން ގޮޅީގެ ވިޔަފާރިވެރިން ތިބެނީ މި ސަރަހައްދުގައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
ފަތުރުވެރިންތަކެއް ވިޔަފާރި ކުރަނީ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
ބައެއް ވިޔަފާރިވެރިން ވަނީ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
ފަތުރުވެރިންތަކެއް ވިޔަފާރި ކުރަނީ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ރޭ ވަންދެން އެހެން ތިބެ، ނުވިކޭ އެއްޗެހި ފޮށިގަނޑަށް، ހަލާކުވި އެއްޗެހިި ކުނިގޮނޑަށް އެޅުމަށްފަހު ބޯމަތީގައި އެޅި ސަތަރިގަނޑުން މަތި ހިޔާކޮށްލައި ނައިލޯނު ވަކައިން ބަނދެލާފައި ދަނީ އެވެ. ޖެހިިގެން އަންނަަ ދުވަހު ވެސް ހަމަ އެގޮތަށް އެކަން ހިނގައެވެ. މާރުކޭޓެއް ނުހުޅުވެ އެވެ. މަރާމާތެއް ނުފަށެވެ.

އެކަކު ބުނި ގޮތުގައި ވިޔަފާރި ހުއްޓާލާފައި ދިޔަ މީހުން އެމީހުންގެ ރައްޓެހިނގެ ގާތުގައި "ކޮބާ މާރުކޭޓު ހުޅުވައިފިހޭ" ކޮންމެ ދުވަހަކު އަހަ އެވެ.

މި ވިިޔަފާރިވެރިންގެ ވަގުތީ ހިޔާއާއެކު މުދާ އުފުލާ ދޯނިތަކަށް ވެސް ވަރަށް ބޮޑު އުނދަގުލެއް ވެއެވެ. ދޯނި ކައިރި ކޮށް މުދާ ބާލަން ބަލާއިރު މުދާ ބަހައްޓަން ޖެހެނީ އެހެންް ވިޔަފާރިވެރިއެއްގެ މުދާތަކުގެ މަތީ އެވެ.

މުދާ އުފުލާ ބާލާ ދޯނިތަކަށްވެސްް މި ވިިޔަފާރިިތަކުގެ އުނދަގޫ ކުރިމަތިވޭ -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ދޯންޏަކަށް އެއްޗެއް އަރުވަން ވިޔަސް އެދިމާއިން އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. -- ދެ ބައިމީހުން އަަރައިރުން ނުވެ ތިބެނީ ހަމަ ކިރިޔާ އެވެ.

އާބާތުރަ ފިލުވާށައި އިތުރު މަރާމާތުގެ މަސައްކަތްތައް މާރުކޭޓް ބަންދު ކުރިތާ އެތައް މަހެއް ވެފަައިވާއިރު މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާ ގޮތުގެ މައުލޫމާތެއް ވެސް ހިއްސާ އެއް ނުކުރެ އެވެ.

މާރުކޭޓު ބަންދުކުރީ މިދިޔަ އަަހަރު އޮގަސްޓު މަހުގައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)
މާރުކޭޓު ބަންދުކުރީ މިދިޔަ އަަހަރު އޮގަސްޓު މަހުގައި -- އަވަސް ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ދަތުރުވެރިންގެ މާރުކޭޓަށް "އީދު އަަންނަ" ރޯދަމަހު އެތަނަށް ވަދެވޭނެ ކަމުގެ ޔަގީން ކަމެއް ސިޓީ ކައުންސިލަކުން ނުދެ އެވެ. ހަތް މަހަށް ވުރެ ގިނަ ދުވަސްވީ ބޮޑު މަރާމާތު ކުރުން ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ. އެހެންވެ ކަންބޮޑުވުމާއެކު ކުރިމަތީ އޮތް މާރުކޭޓަށް ބަލަން ވިޔަފާރިވެރިން އަވީތެރޭ ޕެލެޓްގަނޑެއްގެ މަތީގައި ތަކެތި އަތުރައިގެން ތިބެނީ އެވެ. އެ މީހުންގެ ޝަކުވާއެއް ނެތެވެ.