މަސްވެރި ކަމަކީ ރާއްޖޭގެ އެންމެ މުހިންމު ސިނާއަތެވެ. ދުނިޔޭގެ ފެންވަރުގައި ގާބިލްކަން ހޯދިފައި ނެތް ނަމަވެސް ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން އަބަދުވެސް މަސައްކަތްތައް ހިނގަ އެވެ. އެކަމަކު ތަފާތު ސަބަބުތަކާހުރެ ދިވެހި މަސްވެރިކަން އޮތީ ތަރައްގީ ނުވެ އެވެ.
މަސްވެރިކަން ތަރައްގީކޮށް އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން ގެނައި އެއް ބަދަލަކީ މަސްވެރިންނަށް ފައިސާ ނުދެވި ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ގެއްލުން ވަމުން ދިޔަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމެވެ. މި ބަދަލު ގެނައިތާ 15 ދުވަސް ވެފައިވާއިރު، މަސްވެރިންނަށް ލިބުނު ހިތްހަމަޖެހުމަކީ ކިރުވާ މަހަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެވެ. މިހާރު މަސް ގަންނަމުން ދާނީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލަށް ބަލައިގެނެވެ. އަދި މިދިއަ ހަތް އަަހަރު 20ރ. އަށް މަސް ކިލޯއެއް ގަތުމުގެ ސަބަބުން ދަރަނިވެރިވެފައިވާ މިފްކޯ ތަރައްގީ ކުރަން ސަރުކާރުން ވަނީ 30 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ތައްޔާރުވެފަ އެވެ. ބާވެ، ދަބަރަށް ވެފައިވާ ފެލިވަރު މަސް ކާރުހާނާއަށް ޒަމާނީ ބަދަލު ތަކެއް ގެންނާނެ އެވެ. ކޫއްޑޫ މަސް ކާރުހާނާ އަށް ބޮޑު ބަދަލެއް ގެންނާނެ އެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭން ތައިލެންޑަށް އެކްސްޕޯޓް ކުރާ ރޯމަހުގެ އަދަދު މަދުކޮށް، ވެލިއު އެޑްކޮށްފައިވާ ޕްރޮޑަކްޓްތައް އިތުރު ކުރުމެވެ. ސަރުކާރުގެ މިސްރާބު ހުރީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމާ ދިމާއަށް ދަތުރު ކުރާށެވެ.