އެޕިލެޕްސީއަކީ އެ ބަލި ހުންނަ މީހާގެ އަމިއްލަ ބާރަކާ ނުލާ ފިޓު ޖެހުން ފަދަ ޖިސްމާނީ ބަލި ކަށިކަމެއް މެދުވެރިކުރުވާ ބައްޔެކެވެ. ފިޓް ޖެހުމަށް މެދުވެރިވަނީ ސިކުނޑިއަށް އިލެކްޓްރިކަލް ސިގްނަލްތައް ފޮނުވައިދޭ ނިޒާމަށް ބުރޫއެޅުމުގެ ސަބަބުންނެވެ. މިގޮތުން ސިކުނޑީގެ ބަޔަކަށް އާދަޔާ ހިލާފަށް ބޯކޮށް އިލެކްޓްރިކަލް ސިގްނަލްތައް ފޮނުވުމަށް މެދުވެރިވުން ހިމެނެއެވެ . ސިކުނޑިއަށް ދިމާވާ ގެއްލުމަކުން ނުވަތަ ބައްޔަކުން ވެސް ފިޓް ޖެހިދާނެ އެވެ. ނަމަވެސް އެއްވެސް އިތުރު އަލާމާތަކާއިނުލާ ގިނަ ފަހަރެއްގެ މަތިން ފިޓް ޖެހޭނަމަ އެއީ އެޕިލެޕްސީ އެވެ.
ދުނިޔޭގެ އެޕިލެޕްސީ ދުވަހުގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އެޕިލެޕްސީއާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމެވެ.
ދުނިޔޭގައި އެޕިލެޕްސީ ޖެހިފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 50 މިލިއަންއަށް އަރާފައިވާއިރު ރާއްޖޭގައި2000 އަށްވުރެ ގިނަ މީހުންގެ މިބަލި ހުންނަ ކަމަށް ދިރާސާ ތަކުން ފާހަގަކޮށްފައިވެ އެވެ. ފިޓް ޖެހުމަކީ ކުޑަކުދިން އަދި ބޮޑެތި މީހުންނަށް ވެސް މެދުވެރިވާ ބަލިކަމެކެވެ. ފިޓް ޖެހޭއިރު ފާހަގަ ކުރެވޭ އަލާމާތް ތަކުގެ ތެރޭގައި ހޭނެތުން، ކޮންޓްރޯލެއްނެތި ހަށިގަނޑުގެ އަތްފައި ތެޅުވުން، އަދި ވެއްޓުމާއި ވިސްނުމަށް ބަދަލު އައުންފަދަ ކަންކަން ހިމެނެއެވެ.
އެޕިލެޕްސީގެ ބައްޔާއި އަލާމާތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިޓް ޖެހުމުގެ
ސަބަބުން މީހާ ކުއްލިއަކަށް ވެއްޓި ހަށިގަނޑަށް ގެއްލުންވެ ވިސްނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވަރަށް ނުރައްކާތެރި ހާލަތްތަކުގައި ކުއްލިއަކަށް ހިތް ހުއްޓި މަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ފިޓްޖެހޭ މީހުން ފިޓް ޖެހުމަށް މެދުވެރިވާ ސަބަބާއި ޖެހެނީ ކޮންވައްތަރެއްގެ ފިޓްއެއް ތޯ ދެނެގަތުމަށްޓަކައި ފިޒީޝަންއަކަށް ނުވަތަ ނާރުގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެކަމެކެވެ.
ބައެއް ހާލަތްތަކުގައި ފިޓް ޖެހުމަކީ އެއްވެސް ގެއްލުމެއްނުވާ "ބިނައިން ސީޒާ" އަކަށް ވެސް ވެއެވެ. މިގޮތުން ފަސް މަހުން ދަށުގެ ތުއްތު ކުދިންނަށް ދިމާވާ ފެބްރައިލް ސީޒާއަކީ ހުންއައުމުގެ ސަބަބުން ދިމާވެދާނެ ފިޓެކެވެ. މި ފިޓްޖެހުމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް އެއްވެސް ގެއްލުމެއް ނުވާނެ އެވެ. މިފަދަ ހާލަތްތަކުގައި ވެސް އަވަހަށް ކުއްޖާ ޑޮކްޓަރަށް ދެއްކުމާއި އަދި މިކަމާ ބެހޭ ގޮތުން ވީހާ ވެސް ގިނަ ބެލެނިވެރިން ހޭލުންތެރިވުމަކީ މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން ބައެއް ފިޓް އަކީ ފޮޓޯ ސެންސިޓިވް އެޕިލެޕްސީގެ ސަބަބުން މެދުވެރިވާ ކަމެކެވެ.. ފޮޓޯ ސެންސިޓިވް އެޕިލެޕްސީ ހުންނަ ކުދިން ފިޓްޖެހުމުން ރައްކާތެރިކުރުވުމަށް ޓަކައި މާގިނައިން ސްކްރީންތަކަށް ބެލުން އަދި ފޮޓޯނަގާއިރު ފްލޭޝް ކުރުން ފަދަ ކަންކަމުން ދުރުހެލިކުރުވުމަށް ބެލެނިވެރިން އިތުރު ސަމާލްކަމެއް ދެއްވުމަކީ ވެސް މުހިންމުކަމެކެވެ.
އެޕިލެޕްސީގެ ފަރުވާގެ ގޮތުގައި އާންމުގޮތެއްގައި ހިމެނެނީ ފިޓް ޖެހުމަށް މެދުވެރި ކުރުވާ ބައެއް ކަންތައްތަކުން ދުރުހެލިވުމާއި ބޭސް ބޭނުންކުރުމާއި ބައެއް ހާލަތްތަކުގައި އޮޕަރޭޝަންކުރުމެވެ. އަދި އެޕިލެޕްސީ ހުންނަ މީހުންގެ ދިރިއުޅުމުގެ އާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަން ކުރުމަށް ސަމާލުކަން ދިނުމެވެ. މިގޮތުން ގަޑިން ގަޑިއަށް ސިއްހަތަށް ފައިދާ ހުންނަ ކާނާކެއުމާއި، ރަނގަޅަށް ނިދި ހަމަކުރުމާއި ފިކުރުބޮޑުވާ ކަންކަމުން ދުރުހެލިވުމާއި ގަވައިދުން ބޭސް ބޭނުންކުރުމަށް ފަރުވާތެރިވުމާއި އަދި ހަމަ އެހެންމެ ގަވައިދުން ޑޮކްޓަރުގެ ފޮލޯއަޕްތަކަށް ދުރުވުން ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެޕިލެޕްސީ އަށް ބޭނުންވާ ފަރުވާތަށްދިނުމަށް ހަރަކާތްތެރިވަނީ ނާރުގެ ހާއްސަ އިންޑިއާގެ ޑޮކްޓަރެއް ކަމައްވާ ޑރ. އަނިޝް ލޯރެންސްއެވެ. އަދި އެޕިލެޕްސީގެ ތަޙްލީލް ތައްކުރުމަށް އެމް އާރު އައި، އީ އީ ޖީ އަދި ޕޮލިސޮމޮނޮގްރަފީ ޓެސްޓްތައް އެންމެ ޒަމާނީ، ފެންވަރު މޮޅު މެޝިނަރީތަކާއި އާލަތްތަކުގެ އެހީގައި ކުރަމުންދެ އެވެ. މިގޮތުން އޯވާ ނައިޓް އީއީޖީ ހެދުމުގެ ވަސީލަތް ވެސް އީ އީ ޖީ ލެބޯޓަރީއިން ވަނީ މަގު ފަހިކުރެވިފަ އެވެ. މި ޓެސްޓްތަކުގެ ޒަރީއާ އިން އެޕިލެޕްސީގެ ފުރިހަމަ ތަޙްލީލްތަކެއް ހިންގި ބަލި މީހާއާއި ގުޅޭ ގޮތުން ބޭހާއި، ކައުންސެލިންގް އަދި ހޭލުންތެރިކުރުވުމުގެ މައުލޫމާތުތައް ހިއްސާކުރެވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ މި ފަރުވާތަކުގެ އަލީގައި މި ބަލި ތަހަންމަލްކުރަމުންދާ މީހުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަމެއް ގެނެސްދެވުމެވެ. އަދި މިދުވަސް ފާހަގަކުރުމުގައި މި ބައްޔާބެހޭ އިތުރު ދިރާސާތައްކުރެވި މި ބަލި ނައްތާލުމަށް ގިނަ ފިޔަވަޅު ތަކެއް އެޅެވިގެން ދިއުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން ވާހަކަދެއްކެވި ޑރ. އަނިޝްގެ އުންމީދެއް ކަމުގައި ދެންނެވިއެވެ