ވިޔަފާރި

ރޯދަ އަށް 51 ބާވަތެއްގެ އަގު ހެޔޮ ކުރަނީ

Feb 11, 2020
4

ރޯދަ މަހު ބައެއް ތަކެތީގެ އަގު ބޮޑުވާތީ، 51 ބާވަތެއްގެ އަގު ހެޔޮ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރޯދަ މަހު އަގުތައް ބޮޑު ވެގެންދާތީ 51 ބާވަތެއްގެ އަގު ހެޔޮ ކުރުމަށް ލިސްޓު ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އަގު ހެޔޮ ކުރުމުގެ ކަންކަމާ ބެހޭ ގޮތުން މާދަމާ އެސްޓީއޯއާއެކު ފުރަތަމަ މީޓިން ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަސާސީ އައިޓަމްތައް އަގު ހެޔޮ ކުރަން އެސްޓީއޯ ނޫނީ ސަރުކާރު ކުންފުންޏެއް ބޭނުންކޮށްގެން ސަޕްލައި އިތުރު ކުރަން މި މަސައްކަތް ކުރަނީ. އެވެސް ކޮންމެހެނެއް ވަކި އަގެއްއި ވިއްކާނީ މިހެން ކަނޑައެޅުމުގެ ބަދަލުގައި މާކެޓަށް އިތުރު ކުރާނީ. އެހެންވުމުން އޭގެޒާތުގައި ޑިމާންޑް އެންޑް ސަޕްލައި އަށް ބަލާ އަގު ހެޔޮވާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި 51 ބާވަތް ރާއްޖެ ގެނެސް، މާކެޓު ތެރެއަށް ނެރެން ސްޓޮކް ކުރަން ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

"މިދިޔަ އަހަރުގެ ތަޖުރިބާ އިން އެނގުނީ މިރުސް ހުންނަން ޖެހޭނެ ކަން. އެހެންވެ މި ފަހަރު ބަލާނަން ކަނޑޫދޫ މިރުސް ނޫނަސް ސިލޯނު މިރުސް ނަމަވެސް މިރުސް ލިބޭނެ ގޮތެއް ވޭތޯ ބަލަން. ގިތެޔޮ މިރުސް ވާވަރަކަށް މާކެޓަށް ނެރެން،" ފައްޔާޒު ވިދާޅުވި އެވެ.