ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަތޮޅުތެރޭގެ ޓޫރިޒަމް ބިމު ކުލި ކުޑަ ކުރަން ނިންމައިފި

އަތޮޅުތެރެ އިން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލި ކުޑަ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ބަދަލުގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ފުޅާ ކުރުމަށެވެ.

ރިސޯޓް ބިމު ކުއްޔަށް ގެންނަ ބަދަލު

  • އައްޑު އާއި ފުވައްމުލަކު : އަކަ މީޓަރަކަށް ދެ ޑޮލަރު
  • ހއ. އާއި ހދ. : އަކަ މީޓަރަކަށް ހަތަރު ޑޮލަރު
  • ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅު: އަކަމީޓަރަށް ހަ ޑޮލަރު

މި ބަދަލާއެކު އައްޑޫއާއި ފުވައްމުލަކުން ޓޫރިޒަމަށް ދޫކުރާ ބިންތަކުން ކުލީގެ ގޮތުގައި ނެގޭ އަދަދު ލިމިޓްވާނެ އެވެ. މި ސަރަހައްދުން ދޫކުރާ ބިން ތަކުން ގިނަ ވެގެން ނެގޭނީ 800،000 ޑޮލަރެވެ. އަދި ހދ. އަދި ހއ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ނެގޭނީ އެއް މިލިއަން ޑޮލަރެވެ. އަދި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުން ދޫކުރާ ރަށްތަކުން ނެގޭނެ އެންމެ ބޮޑު އަދަދަކީ 1.5 މިލިއަން ޑޮލަރެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުން ލޯކަލް ޓޫރިޒަމް ދޫކުރާ ބިންތަކުގެ ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ލޯކަލް ޓޫރިޒަމް ބިމު ކުއްޔަށް ގެންނަ ބަދަލު

  • އައްޑު އާއި ފުވައްމުލަކު: އަކަ މީޓަރަށް އެއް ޑޮލަރު
  • ހއ އަތޮޅާއި ހދ. އަތޮޅު: އަކަމީޓަރަކަށް ދެ ޑޮލަރު
  • ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅު: އަކަ މީޓަރަކަށް ތިން ޑޮލަރު
  • އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު

ޓޫރިޒަމް ބިމު ކުއްޔަށް ގެންނަން މި ބަދަލުގައި ޓޫރިޒަމް އެންމެ ފުޅާކޮށް ކުރާ ބ. އަތޮޅާއި ކ. އަތޮޅު ނުހިމެނެ އެވެ. މިނިސްޓަރު ފައްޔާޒު އިއުލާނު ކުރެއްވި ރޭޓްތަކަށް ބަލާއިރު އެވްރެޖު ގޮތެއްގައި އަކަ މީޓަރަކުން ދެ ޑޮލަރުގެ ކުޑަ ވުމެއް އަންނާނެ އެވެ.

ޓޫރިޒަމަށް ދޫކުރާ ތަންތަނުން ލިބޭ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގެ ކުލި ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އަދި ޓޫރިޒަމް ބިމު ކުލިން ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ބިމު ކުލިން ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.