ކޮވިޑް-19 ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރަން ސަރުކާރުން "އިގްތިސޯދީ އެހީ" ގެ ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ވަޒީފާތައް ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސް ހަމަ ޖެހިގެން ދާނެ ކަމަށެވެ.
ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުން ކުޑަ ކުރަން ދުނިޔޭގެ ގިނަ ގައުމު ތަކުން ވަނީ އިގްތިސޯދީ އެހީގެ ޕެކޭޖުތައް ނެރެފަ އެވެ. ބައެއް ގައުމުތަކުން ވަނީ ވިޔަފާރިތަކުގެ ލޯނުތައް ފަސް ކޮށްދީފަ އެވެ. އަދި ބައެއް ގައުމުތަކުން ޓެކްސްގެ ލުއިތަކާއެކު ފެނާއި ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފައި ވެއެވެ.
ދިވެހި ސަރުކާރުން މިހާތަނަށް އިގްތިސޯދީ އެހީގެ ޕެކޭޖެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް ގައުމީ ބޭންކުން ވަނީ ޓޫރިޒަމް ސެކްޓާގެ ގެސްޓްހައުސް އާއި ރިސޯޓު ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ނެގޭ ލޯނު ފެސިލިޓީއެއް ދީފަ އެވެ.
މިހާރު އިގްތިސޯދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން މި އަހަރު ލިބޭ ކަމަށް ކުރިން ބުނި އަދަދުގެ އާމްދަނީގެ ތެރެ އިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުމުގެ ބިރު އޮތުމެވެ.
މިހާރުގެ ފޯކާސްޓް ތަކުން ދައްކާ ގޮތުގައި ކުރިން ލަފާކުރި މިންވަރަށްވުރެ ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބޮޑު ތަނުން ދަށް ވާނެ އެވެ. ކުރިން ބެލިފައިވަނީ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާ ކުރުމަކީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމަށެވެ.