ވިޔަފާރި

އަހަރީ ފީ ނުދައްކައިގެން ތިރީސް ފަސް ކުންފުނި އުވާލައިފި

އަހަރީ ފީ ނުދައްކައިގެން 35 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ތަކެއް ބާތިލް ކޮށްފައިވާ ކަމަށެވެ.

އުވާލާފައިވާ 35 ކުންފުނީގެ ނަންތައް ވެސް އެ މިނިސްޓްރީން އާއްމުކޮށްފައިވެ އެވެ. މި ލިސްޓުގައި ގިނަ އަދަދެއްގެ ސައި ހޮޓާ ހުރިއިރު، ލިސްޓުގައި ހިމެނެނީ 2015 އަހަރުގެ ފަހުން ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ދެވަނަ ބުރެއްގެ މަތިން އުވާލަން 1،597 ކުންފުންޏެއް ހިމެނޭ ލިސްޓެއް އާއްމުކޮށްފައިވެ އެވެ. މި ކުންފުނިތައް އުވާލަނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައިވާ ގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ވާނެ އެވެ.

ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް އުވާލަކީ ލިސްޓު އާއްމު ކުރުމަށްފަހު ގިނަ ފުރުސަތު ތަކެއް ދިނުމަށް ފަހު އެވެ. މިހާތަނަށް ގިނަ އަދަދެއްގެ ކުންފުނިތައް އުވާލާފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 7،000 އެއްހާ ކުންފުނި ހިންގަ އެވެ. އަދި މީގެތެރެ އިން ގިނަ ކުންފުނި ތަކުން ވިޔަފާރީގެއެއް ވެސް ހަރަކާތެއް ނުހިންގަ އެވެ.