ވިޔަފާރި

ފެލިވަރު ބޮޑު ކުރަން ބިން ހިއްކަން ފަށަނީ

ސަރުކާރުގެ ދަޅު މަސް ކާރުހާނާ ހިންގާ ޅ. ފެލިވަރުގެ މަސަކަތް ފުޅާ ކުރަން އެ ރަށުގެ ފަޅުން ބައެއް ހިއްކަން ޖެހޭތީ އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފެލިވަރު ބޮޑު ކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމުގެ ގޮތުން ފެލިވަރުގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސް ގެ އިރުމަތީ ފަރާތުން ރަށާއި ގުޅުވައިގެން ފަސް ހެކްޓަރުގެ ބިން ހިއްކަން އީއައިއޭ އެއް ހަދައިދޭނެ ފަރާތެއް ހޯދަން މަސް ކުންފުނި، މިފްކޯއިން ވަނީ އިއުލާނު ކޮށްފަ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު އަވަސް އޮންލައިނަށް ވިދާޅުވީ ފެލިވަރު ފަޅުން ބައެއް ހިއްކަނީ ފެލިވަރު ތަރައްގީކޮށް އޮޕަރޭޝަން ފުޅާ ކުރުމުގެ މަޝްރޫއެއް ފަށަން ކަމަށެވެ.

"ހިއްކާ ސަރަހައްދުގައި ބްރެއިން ފެސިލީޓީ އަކާއި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދާނެ،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއު ހިންގަނީ އިންޑަން އެގްޒިން ބޭންކާއި ސައޫދީ ފަންޑުން މަސްވެރިކަން ތަރައްގީ ކުރަން ހަމަޖައްސައިދިން ފައިސާ އިން ކަމަށެވެ.

ރައްޔިތުން މަޖިލީސް މިއަހަރު އާ ދައުރަކަށް ހުޅުއްވައި ދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް ބޮޑުކޮށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރު ކުރުމަށް މި އަހަރުގެ ތެރޭގައި އިންވެސްޓް ކުރާނެކަން އިއުލާނު ކޮށް ދެއްވާފަ އެވެ.

ސާޅީ އަހަރުވެފައިވާ ސަރުކާރުގެ މަސް ފެކްޓްރީ ފެލިވަރުގެ ގިނަ ތަންތަން ހުރީ ބާވެ ވީރާނަވާން ކައިރިވެފަ އެވެ. ނަމަވެސް މިދިޔަ ސަރުކާރުން ވަނީ ފެލިވަރުގެ މަސް ދަޅު ބަންދު ކުރުމުގެ ގާބިލްކަން އިތުރުން ކުރަން އިންވެސްޓްމަންޓު ތަކެއް ކޮށްފަ އެވެ. އެގޮތުން، ކުރިން 15 ޓަނުގެ ދަޅު މަސް ބަންދު ކުރާ ކާރުހާނާގެ ކެޕޭސިޓީ ވަނީ 50 މެޓްރިކް ޓަނަށް މަތި ކުރި އެވެ. ނަމަވެސް ފެކްޓްރީގެ އޮޕަރޭޝަން ކުރިއަށް ގެންދަން އަދި ވެސް ބޮޑެތި މަސައްކަތާއެކު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހެ އެވެ.