އޭސީސީ

އެމްއޭސީއެލް މަސައްކަތްކުރީ ނާޖާއިޒު ފައިދާ ހޯދައިދޭން: އޭސީސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިކަން ހާމަ ކޮށްފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ވަކި ބައެއްގެ ފައިދާއަށް ކަމަށް ބުނާ މައްސަލައާ ގުޅިގެން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންތާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"... އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަން [އޭސީސީ] ގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ." ބަޔާނުގައި ވެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށް އެ ނޫންވެސް ވަރަށް ގިނަ ކަންކަން އޭސީސީގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތާއި، ދައުލަތަށް ގެއްލުން ލިބޭނެ ގޮތްތައްވެސް އެ ބަޔާނުގައި ވެއެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ. އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.