މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަތީ ގުރޭޑްތަކަށް ގުރުއާނުން އިމްތިހާނު ދިނުން ފަސްކޮށްފި

ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއަކަށް ހަދާ، ގުރުއާނަކީ އިމްތިހާނު ނުކުރެވޭ މާއްދާއަކަށް ހަދަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.

"ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއް،" ސާކިއުލާގައި ވެ އެވެ.

އެޑިއުކޭޝަނުން ބުނީ މިހާރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭން ފެށީ މުޅިން އަލަށް ކަމަށް ވުމުން އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައި ދިނުމުގަ އާއި އިމްތިހާނު ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށެވެ. -- ކީސްޓޭޖް 4 ކީ ގުރޭޑް ނުވައެއް 10 ގެ ދަރިވަރުންނެވެ --

"މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް 4 އެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްލުމަށް ވަނީ ހަމަޖެހިފައި. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާނީތީ."

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުން އެ ކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ބެލެނިވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.

ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ފަރާތުން މަޖިލީހަށް މި ޕެޓިޝަން ހުށަހަޅުއްވައި ދެއްވީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ އެވެ. އެ ޕެޓިޝަންގައި ރާއްޖޭގެ 17 ސްކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވެ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕެޓިޝަންގައިވާ ކަންކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އިމްތިހާން ދޭ މާއްދާތަކުގެ ތެރޭގައި ޤުރްއާން މާއްދާ ހިމަނާފައިވާ ކަމަށް އަންގާފައި ނުވާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވާ ކަމަށެވެ.

"ދަރިވަރުންނާއި ޓީޗަރުން ތަމްރީން ނުކޮށް، ކުއްލިއަކަށް ގުރްއާން މާއްދާގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން. އެސްއެސްއީ އިމްތިހާނަށް ދަރިވަރުން އަހުލުވެރި ކުރި ގޮތާއި އިމްތިހާން ތައްޔާރު ކުރި ގޮތް ތަފާތުވުން. މަހުރަޖުތަކުންނާއި ތަޖުވީދުން މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތާއި ސްކޫލްތަކުން ކިޔަވައިދީފައިވާ ގޮތް ތަފާތުވުން." ޕެޓިޝަންގައިވާ ކަންކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ޕެޓިޝަންގައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އެ ޕެޓިޝަން ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ 77 ބެލެނިވެރިން، ކަލާފާނު ސްކޫލްގެ 64 ބެލެނިވެރިން، ބިލަބޮންގް ސްކޫލްގެ 53 ބެލެނިވެރިންގެ އިތުރުން ހުރަވީ ސްކޫލްގެ 46 ބެލެނިިވެރިން ހިމެނެ އެވެ. ހެނބަދޫ ސްކޫލްގެ 33 ބެލެނިވެރިން، އަމީނިއްޔާ ސްކޫލްގެ 25 ބެލެނިވެރިން، އިސްކަންދަރު ސްކޫލްގެ 20 ބެލެނިވެރިން ވެސް ހިމެނެ އެވެ.

އަހްމަދިއްޔާ ސްކޫލްގެ 15 ބެލެނިވެރިން، ގާޒީ ސްކޫލްގެ 18 ބެލެނިވެރިން، ރެހެނދި ސްކޫލްގެ 11 ބެލެނިވެރިން، ބްރައިޓްވޭ ސްކޫލްގެ 14 ބެލެނިވެރިންނާއި ޖަމާލުއްދީން ސްކޫލްގެ ނުވަ ބެލެނިވެރިންގެ އިތުރުން ހަނިމާދޫ ސްކޫލް އާއި ގިޔާސުއްދީން ސްކޫލްއާއި ތާޖުއްދީން ސްކޫލް އިން ވެސް ބެލެނިވެރިންތަކެއްގެ ސޮއި ޕެޓިޝަންގައި ވެ އެވެ.

އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ތައްްޔާރު ކުރާ މި ޕެޓިޝަންގައި ބުނެފައި ވަނީ ދަރިންނަށް ކީރިތި ގުރުއާން އުނގަންނައިދިނުމުގެ މަރުހަލާ ތަކުގައި އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އިހްމާލުވަމުންދާ ކަމަށދވ. އަދި ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ގައުމީ ފެންވަރުގައި އެސްއެސްއީ އިމްތިހާނު ދިނުމަށް ކަނޑައަޅާފައި ވަނިކޮށް، ކީރިތި ގުރްއާން މާއްދާ އިމްތިހާނު ނުކުރާ މާއްދާއެއް ކަމަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގުރުއާން މާއްދާ ކިޔެވުމާ ދުރުކޮށް މަޖުބޫރު ނޫން މާއްދާއެއް ގޮތަށް ހަދަން މަގުފަހި ކުރަމުން ދާ ކަމަށެވެ.

އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް ހިނގަމުންދާ މަސައްކަތްތައް ހުއްޓުވައިދީ އޭގެ ބަދަލުގައި ގުރްއާނަކީ ކަނޑައެޅިގެން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވުމަށް އެ ޕެޓިޝަންގައި ރައީސް ސޯލިހަށް ގޮވާލައްވާފައި ވެއެވެ.

"ގުރްއާން މާއްދާގެ މަޖުބޫރުކަން މިފަހަރުގެ އިމްތިހާނުގައި އިހްތިޔާރީއަށް ބަދަލުކޮށްފިނަމަ، ކުރިއަށްއޮތް މުސްތަގްބަލުގައި އެ މާއްދާ އަނބުރާ މަޖުބޫރު މާއްދާއަކަށް ބަދަލު ކުރުމަކީ ނުހަނު ބުރަ އުނދަގޫ ގުރުބާނީއެއް ވެގެން މެނުވީ ދެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޔަގީންކުރެވޭ. އަދި އެއީ މަދު ބައެއް ފަރާތްތަކުން ދުރާލާ ރާވައިގެން އެކަން ކުރަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެފައިވާ ކަމެއްކަން ވެސް އަޅުގަނޑުމެން ދަންނަން." ޕެޓިޝަންގައި ބުނެފައިވެއެވެ.