ރީތި ހަތަރު ފޮަޓޯއިން ރަށްފުށަށް!

އެތައް ފޮޓޯ އެއް ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލާ މީހުން ބައިވަރު އުޅެ އެވެ. އޭގެ ތެރެއިން މުހައްމަދު އަރްޝަދު އެއް ފަރާތްކޮށްލައި ފާހަގަ ކޮށްލާން އެބަޖެހެ އެވެ. އަރުޝަދު ހަދާ ގޮތަކީ ފޮޓޯއަކުން ފޮޓޯއަކުން ނަގަމުން ގޮސް ހަތަރު ފޮޓޯ ހަމަކޮށްފައި އޭނާ ބުނަން ބޭނުންވާ ވާހަކަ ޖުމްލަކޮށް ކިޔައިދެނީ އެވެ. ކެމެރާގެ ލެންސަށް އޭނާ އަރުވަނީ ސިކުނޑީގައި ލިޔެފައި އޮންނަ ކުރުކުރު ޖުމްލައެކެވެ.

އަރުޝަދު އެއްކޮށްފައި ހުރި ތަފާތު އެކި ފޮޓޯތަކުގެ ތެރެއިން އެއްކަމެއް ހާއްސަ ވެއެވެ. އޭނާގެ ލެންސުން ރަށްފުށުގެ ދިރިއުޅުން ދައްކުވައިދީފައި ހުންނަ ގޮތެވެ. ތަަރައްގީގެ ކުލަތައް އަނދިރި ރަށްރަށުން ނަގާފައި ހުންނަ ފޮޓޯތަކުގައި ހުންނަނީ އިހުގެ ކުލަތަކެވެ. ކަޅާއި ހުދު ނޫނަސް "ވިންޓޭޖް" ގޮތެކެވެ. މީގެ ތެރެއިންވެސް ގިނައީ އޭނާގެ އަަމިއްލަ ރަށް، ތ. ވޭމަންޑޫގެ ހިތްގައިމު ފޮޓޯ ތަކެވެ. އޭނާގެ ފޮޓޯތަކުގެ ތެރެއިން ލިސްޓްކޮށްލައި ބަރިއަކަށް އަތުރާލާފައި މި އަވަސްގެ ނޫސްވެރިޔާ އައިޝާ އަޝްރަފު އަށް ފާހަގަ ކޮށްލެވުުނު ބައެއް ފޮޓޯތަކެވެ.

އެކަނި ހުސްފައިގައި!

މިއީ ރިސޯޓެއް ހަދަން ވެގެން އުޅެ، މައްސަލަގަނޑެއްގެ ތެރޭގައި އޮންނަ ރަށެކެވެ. އެކަމަކު ރާއްޖޭގައި އޮތް އެންމެ ދިގު ފަޅުރަށެވެ. ތ. އަތޮޅު ކަޅުފަހަލަފުށީގެ މި ސާރާސަރު ދޮން ގޮނޑުދޮށަކީ ބަޔަކު މޮޔަވާވަރުގެ ވެލިގަނޑެކެވެ. އަރުޝަދު މި ރަށަށް ގޮސް ނަގާފައި ހުރި ފޮޓޯތައް ފެނިފައި ވެސް އެރަށުގެ ހިމުން ދޮން ވެލިގަނޑު މަތީގައި ހިނގާލާފައި ދާ ހިިތް ނުވާނެ ހެއްޔެވެ؟ އެކަމަކު މި ފޮޓޯގްރާފަރު ވެސް ބުނެދޭން ބޭނުންވާ ހެން، ހަމަ އެކަނި ހުސް ފައިގަ އެވެ.

އިލޮށި ފައްޗަކަށް...

އަަރުޝަދުގެ ގިނަ ފޮޓޯތައް ނަގާފައި ހުންނަނީ އޭނާގެ އުފަން ރަށުގަ އެވެ. މިއީ ވޭމަންޑޫ މަގުމަތީގައި ބަޔަކު އިލޮށިމަށަން ތިބި މަންޒަރު ފެނިގެން އަވަސް އަވަހާ ކެމެރާ ހިފައިގެން ގޮސް ކުރެވުނު މަސައްކަތުން ނެގުނު ފޮޓޯތަކެކެވެ. ފަން ކިރިއްސައިގެން އިލޮށިފައްޗަށް އިލޮށި މަށަމުން ދިޔަ އެ ދައްތަމެން ބުނެދިނީ އެއީ ދުރުގައި ހުރި އެ މީހުންގެ ރަހުމަތްތެރިއަކަށް ފޮނުވާލަން މަށާފައި ހުރި އިލޮށިފަތި ތަކެއް ކަމަށެވެ. އެންމެ އަވަހަށް ފުރާ ބޯޓަކުން އެ މީހުންގެ އިލޮށިފަތި އޭނާއަށް ފޮނުވާނެ އެވެ. އެއީ އިލޮށިފަތީގެ ހަދިޔާ އެކެވެ.

މިލަ ހަނދުވަރެއް

މިއީ މިލަ ހަނދުވަރެއް އޮއްސާލާފައިވާ އެކަމަކު އަޖައިބެއް ކަހަލަ ރީތި ރެއެއްގައި ވޭމަންޑޫގެ އެކި ހިސާބުތަކުން ނަގާފައިވާ ފޮޓޯތަކެކެވެ. ހަނދުވަރެއްގެ އެންމެ ފުރިހަމަކަން ފެންނާނީ އެހެން އަލިކަމެއް ނުހުންނަ އަނދިރި ހިސާބުތަކުންނެވެ. ހަނދުވަރުގެ ރިިހި ވިދުވަރުގެ ދޯދިތައް މޫދަށް އެޅި ރިޗެއްޔަކުން ދިއްލައި އަލިކޮށްލާފައި އޮންނަ އިރު ވޭމަންޑޫ ވާނީ "މޫންލައިޓް އިން ޕެރެޑައިސް" އަށެވެ. އެ ރަށަށް ދަމާ ހިނގާބަލާށެވެ.

މިދަނީ މޫދަށް

ރަށްފުށުގެ ދިރިއުޅުމުގައި ހުކުރު ދުވަހަކީ އެއްވެސް ކުޑަކުއްޖަކަށް ގޭތެރޭގައި އޮވެވޭނެ ދުވަހެއް ނޫނެވެ؛ މިވެސް ވާރޭ ވެހެމުން ދިޔަ ހުކުރު ދުވަހަކު ވޭމަންޑޫ އަތިރިމަތީގައި ކުދިންތަކެއް އުޅުނު ގޮތް ބަލަން ހުރުމަށް ފަހު އަރުޝަދު ނަގާފަައި ހުރި ފޮޓޯތަކެކެވެ. ވިއްސާރަވެ ވާރޭ ވެހުނަސް މޫސުން ބަދަލުވެ އަވި ދިނަސް، ހަމަ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރުގެ ކުރި އަކީ މަޖަލާ ސަކަރާތުގެ ވަގުތެކެވެ. މޫދަށް އެރޭ ސަަރަހައްދުގައި މި ކުދިން ޖެހި އެ ސަކަރާތް އަރުޝަދު ހަނދާނުގައި ފޮރުވީ މި ފޮޓޯތަކުންނެވެ.

އަސްކަނި ދަށުގެ ވާރޭ

މިއީ އަރުޝަދުގެ ވޭމަންޑުއަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. ޓިނު ފުރާޅަށް ވާރޭވެހޭ އިރު އެ އިއްވައިދޭ މަޑު މިއުޒިކާއި ރާގު ކިހާ އުފާވެރި ހެއްުޔެވެ؟ އަަސްކަނި ދަށުގައި ވާރޭ ހުއްޓާތޯ ހުންނަ އިރު އެ ރާގާއި މިިއުޒިކު ހިތާ ގުޅުވައި ދެއެވެ. މި ފޮޓޯ ފެނުމުން އެ ހަނދާންތައް އާ ނުވޭ ހެއްޔެވެ؟ ވޭމަންޑޫ މަގުމަތީގައި ހެދޭ ފެންގަޑުތަކަށް ނޭރެން ގޮވިޔަސް ބައެއް ކުދިންނަށް ކިލާ އެ ފެނުގައި ދުވެލުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ކިލާ ފަނިތައް އިނގިލިތައް ކައިލިއަސް ވަރިހަމަ އެވެ.

މީރު މީރު މުޑި ކާށި

ފަޅުރަށް ރަށަށް ދަތުރުގޮސް ކުރާނެ ކަންކަމުގެ ލިސްޓުގެ ކުރީގައި މުޑިކާށި ހޮވައިގެން ކެއުން އޮންނާނެ އެވެ. އަރުޝަދު ބުނާ ގޮތުގައި މިއީ ވޭމަންޑުއާ ކައިރި ފަޅުރަށަކަށް ދަތުރުގޮސް އުޅުމުގެ ތެރޭގައި ފެނުނު މަންޒަރެކެވެ. އަތޮޅުގެ އެހެން ރަށަކުންް ދަތުރު ގޮސް އުޅުނު އާއިލާއެއްގެ ކުޑަކުއްޖަކު ފަރިތަކަމާއި އެކު މުޑިކާއްޓެއް އަމިއްލައަށް އެހެގެން ކަނީ އެވެ. މި މަންޒަރު އޭނާގެ ކެމެރާ އަށް ނެގީ ކަމުގެ ގޮސް ނުހުރެވިގެނެވެ.

ރަށު އަތިރި މަގަށް

ރަށުގެ އަތިރިމައްޗަށް ދާން އޮންނަ ގަސްބޯ މަގަކީ ވެސް ރަށުގެ އަތިރިމައްޗާ އެއްވަރަށް ހިތްފަސޭހަ ދާހިތްވާ މަގަކަށްވެ އެވެ. ވޭމަންްޑޫގައި ވެސް އެކަން އޮންނަނީ އެ ގޮތަށެވެ. މިއީ ވޭމަންޑޫ އަތިރިމައްޗަށް އަރުޝަދު ދާ އެތައް ދުވަހެއްގެ ތެރެއިން ދުވަހެއްގައި ފެނުނު ކުއްޖަކު އަތިރިމަގުން ހިނގަމުން ގޮސް އޭނާ ހުއްޓޭ ތަންތަން ބަލަމުންދާ މަންޒަރެވެ، މި މަންޒަރު އަރުޝަދަށްވީ އަސަރުހުރި ރީތި މަންޒަރަކަށެވެ. ދެން ފޮޓޯކޮޅެއް ހަމަކޮށްލީ އެވެ.

ރަށްފުށު ހިިރަފުސް

ރަށު ހިރަފުހަކީ، ރަށެއްގައި އުޅުނު ކަމުގެ ނިޝާނެކެވެ. ބޫޓަށް އަރާފައި ހުއްޓަސް ހުސްފައިގައި ހިރަފުހުގައި ޖެހިނުލަންޏާ ޅައުމުރުގެ ހަނދާން ފުރިހަމަ ނުވީ އެވެ. އަރުޝަދު ވެސް އޭނާގެ ކުޑައިރުގެ މަޖާ ދުވަސްތައް ހަނދާން ކުރަަން އެރެނީ ހިރަފުސް ވެލިގަނޑުގެ ތެރެއަށެވެ. އެހަންދާންތަކާއެކު ނެގި މި ފޮޓޯ ތަކަކީ ކޮންމެ ދުވަހަކު ހަވީރު ބޯޅަކުޅެންދާ ކުދިބަޔަކު ހިރަފުހާއި މޮޑެވިގެން ބޯޅަ ކުޅޭ މަންޒަރެކެވެ.

ފޮޓޯ އިންވެސް ވަރަށް ގިނަ އަދި އެހާ ރީތި ވާހަކަ ކިޔައިދެވެ އެެވެ. ބައެއް ފަހަރު އެއީވެސް ބަހުރުވައެކެވެ. ފޮޓޯ ގްރާފަރުގެ ކެމެރާއަށް ފެނުނު މަންޒަރަކުން ފޮޓޯ ސްޓޯރީ އެއް ހުށަހަޅައިލުމުން އަދި މާ ފުރިހަމަ ވެއެވެ. އެފަދަ ފޮޓޯތަކަށް ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. ދޭހަ ކޮށްދެނީ ކޮން އެއްޗެއްތޯ ކޮން ކަމެއްތޯ ބުނެދޭކަށް އިތުރު ލިޔުމެއްވެސް ބޭނުމެއް ނުވާނެ އެވެ. އެއްހާސް ލަފުޒާ އެންްމެ ފޮޓޯއަކާ ނުބައްދަލެވެ.