ވޭމަންޑޫ

ބީއެމްއެލް އިން ވޭމަންޑުއަށް ފަރުހިލާ ތުނޑިއެއް!

ދަތުރު ގޮސް އުޅެވޭނެ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ން ތ. ވޭމަންޑޫގެ ތުނޑީ ސަރަހައްދު ގައި ވަސީލަތް ގާއިމް ކޮށްދީފި އެވެ.

"ފަރުހިލާ ތުނޑި" މި ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ އެ ސަރަހައްދު ހުޅުވާލާފަ އެވެ.

ގައުމީ ބޭންކުން ބުނީ ވޭމަންޑޫގައި ތަރއްގީ ކުރި އެ ތުނޑިއަކީ އާންމުކޮށް އާއިލާތައް ދަތުރުދާ ސަރަހައްދަކަށް ވުމުން އެ ސަރަހައްދު ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތަށް ކުޑަ އާއި ހަޓްތައް ހަދައި ޖޯލިފަތި ބަހައްޓާފައިވާ ކަމަށެވެ. އަދި ދަތުރުދާ މީހުން ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ވެސް ގާއިމް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އަޅައި ތުނޑީގައި ބޭނުން ކުރަން 2500 ލީޓަރުގެ ފެން ޓޭންކެއް ބަހައްޓާފައިވާއިރު ކުނި އަޅާނެ ޑަސްޓްބިންތައް ވެސް ހުރެ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުން އެފަދަ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެހީވެދީފައިވާ ކަމަށެވެ. ވޭމަންޑޫގެ މި ޕްރޮޖެކްޓަތަކާއެކު އެ ރަށްރަށަށް، އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.