ހަބަރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް މާލީ އެހީ ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ހޮވައި މާލީ އެހީ ދީފި އެވެ.

ބީއެމްއެލުން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މި އަހަރުގެ ފުރަތަމަ ކްއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ހޮވުނު ފަސް ޕްރޮޖެކްޓަކީ ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމް ކުރަން ހުށަހެޅި ޕްރޮޕޯސަލަކާއި އއ. ރަސްދޫގައު ހުންނަ ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީ ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާއި ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރު ކުރަން ހުށަހެޅި ޕްރޮޕޯސަލެކެވެ.

މީގެ އިތުރުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާއި ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ހަދަން ޕްރޮޕޯސަލެއް ވެސް ހިމެނެ އެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ "ކޮމިއުނިޓީ ފަންޑު" ގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ކޮވިޑް-19 އިގެ ސަބަބުން ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއް ވެސް ކުރިމަތިވި ނަމަވެސް އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މުޖުތަމައަށް ފައިދާ ކުރާނެ 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮ ށްދިނުން ކަމަށެވެ.