ބޭންކް އޮފް މޯލްޑިވްސް

ވާދޫގައި ބީއެމްއެލް އިން އޭޓީއެމް ސެންޓަރެއް ހުޅުވައިފި

Apr 21, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގދ. ވާދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބެ އެވެ.

މި އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސާވިސް ބޭންކިންއާ އެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ވިއުގަ ފުޅާކޮށް ބޭންކިން ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނެޓްވޯކްގައި 140އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭއިރު، މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.