ވިޔަފާރި

ބްލެކް ސްޓޯންގެ މައި އިންވެސްޓަރު ރާއްޖެ ވަޑައިގަންވަނީ

Feb 18, 2020
4

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ހިއްސާ ގަތް، އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ މައި އިންވެސްޓަރު ކަމަށްވާ ސްކޮޓް ޝްލައިފާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ޝްލައިފާ ރާއްޖެއަށް ޒިޔާރަތެއް ކުރައްވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަންވަނީ އާއިލާއާއެކު ޗުއްޓީ ހޭދަ ކުރައްވާށެވެ. އެހެން ނަމަވެސް އޭނާގެ އެ ދަތުރުގައި ސަރުކާރުގެ އެންމެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަން ވެސް ނިންމާފައިވާ ކަމަށް ވެއެވެ.

ޝްލައިފާއަކީ ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާއަކީ ޓީއެމްއޭގެ ހިއްސާ 2013 ވަނަ އަހަރު 250 މިލިއަން ޑޮލަރަށް ގަތް ބްލެކް ސްޓޯން ކުންފުނީގެ މައި އިންވެސްޓަރެވެ. އަދި އޭނާއަކީ ދުނިޔޭގައި މަޝްހޫރު ޕްރައިވެޓް އިކްއިޓީ އިންވެސްޓަރެކެވެ.

ބްލެކް ސްޓޯން ކުންފުނިން ވަނީ 2017 ވަނަ އަހަރު ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ އެމެރިކާގެ ބައިން ކެޕިޓަލް އާއި ޗައިނާގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕާއަށް 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށް ވިއްކާލާފަ އެވެ. މި މުއާމަލާތާއެކު މިހާރު ޓީއެމްއޭގެ މައިނޯރިޓީ ހިއްސާ އޮންނަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގްސްގަ އެވެ.

ޓީއެމްއޭ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ މައްސަލަވަނީ ހޫނުވެފަ އެވެ. މި މައްސަލަ ހޫނުވެފައި ވަނިކޮށް ސަރުކާރުން ވަނީ ޓީއެމްއޭ އިން މިހާރު ބޭނުންކުރާ ވަރުގެ އަދަދެއް އެ ކުންފުންޏަށް ދޭން ނިންމާފަ އެވެ. ނަމަވެސް ޓީއެމްއޭއިން ބުނަމުން ދަނީ އެއީ އެ ކުންފުންޏަށް ހައްގު މިންވަރު ނޫން ކަމަށެވެ.