އޮޑިޓާ ޖެނެރަލް އޮފީސް

ކުދިންނަށް އިހުމާލުވާ މީހުން ޖަވާބުދާރީ ކުރުވޭނެ: އޭޖީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރިފްއަތު މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލި ގާނޫނަށް ރޭ 00:00 ފެށިގެން އަމަލުކުރަން ފެށުމާއި ގުޅިގެންނެވެ.

ރިފްއަތު ވިދާޅުވީ މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ގައުމު ހިމާޔަތްކުރުން ކަމަށެވެ.

"މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ގައުމު ހިމާޔަތްކުރުން. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ." ބަންޑާރަ ނާއިބް ވިދާޅުވިއެވެ.

ޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލު ކުރަން ފަށާނެ އެވެ.

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެ އެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި އެ ބިލުގައި ކަނޑައެޅާފައިވެ އެވެ. އަދި ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނުގައި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގައުމީ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓާކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅާނެ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން މި ފަށަނީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.