ޖުޑިޝަލް ސާވިސް ކޮމިޝަނަށް އާންމުން ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި މިރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި، ޖަސްޓިސް އެންޑް ލީގަލް ސެކްޓަރު ރިފޯމްއާ ގުޅޭ އިންޓާވެންޝަނެއް އެޓާނީ ޖެނެރަލް ވަނީ ހުށައަޅުއްވާފައެވެ.
އޭޖީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަސައްވުރު ކުރަނީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރާނެ މިނިވަން ޖުޑިޝަރީއެއް ނަމަވެސް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ފޯރުވާފައިވާތީ ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ޖުޑިޝަރީ ރިފޯމްކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވާ 2019 ވަނަ އަހަރު ޖުޑީޝަލް ރިފޯމް ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވަނީ މައިގަނޑު 3ތިން ދާއިރާއަށްކަމަށް ވިދާޅުވިއެވެ. އެއީ ކޯޓުތަކުގެ އޮނިގަނޑާއި އިހްތިސާސް ރިފޯމްކުރުމާއި އިދާރީ ހިންގުން ހަރުދަނާކުރުމާއި އަދި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ ފަރާތްތަކުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ޖުޑިޝަރީ ޖަވާބުދާރީ ކުރުވުމުގެ ޒިންމާއޮތީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ކަމަށްވީއިރު އެ ކޮމިޝަނަކީ މުސްތަގިއްލު އަދި މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ކޮމިޝަނެއް ކަމަށް ރިފްއަތު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކޮމިޝަން އެންމެ ފުރިހަމައަށް ކުރިން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ. ނަމަވެސް ކޮމިޝަންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށައިވާ ކަމަަށާ އެކަމުގެ ސަބަބުން ކޮމިޝަނަށް އާންމުންކުރާ އިތުބާރު އިތުރުވެފައިވާކަން ކޮމިޝަނަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުގެ އަދަދަށް ބެލުމުން އެނގޭކަމަށް ޖޭއެސްސީގައިވެސް އިންނަވާ ރިފްއަތު ވިދާޅުވިއެވެ.
ޖޭއެސްސީއަށް އާންމުން ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން އެ ކޮމިޝަން މިނިވަން ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަަވެސް އެ ވައުދު ފުއްދުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އަދި ކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަންވެސް މި ސަރުކާރުން މިހާރު ބޭނުމެއް ނުވެއެވެ. ދާދި ފަހުން މަޖިލީހަށް އެފަދަ އިސްލާހުތަކެއް ހުށައެޅުމުން އެމްޑީޕީގެ މެންބަރުން ވަނީ އެ އިސްލާހުތައް ފެއިލްވެސް ކޮށްލާފައެވެ.
ޖޭއެސްސީ މިހާރު މާ ބޮޑަށް ސިޔާސީ ކޮށްފައިވާ ކަމަށާ ޖުޑިޝަރީގެ މިނިވަންކަން ނަގާލާފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.