ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި އަދުލު އިންސާފު އަދި ގާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަން ކުރުމުގެ މަސައްކަތް އެޓާނީ ޖެނަރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން ފަށައިފި އެވެ.
އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ އެ އޮފީހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގެ މަގުސަދަކީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް މި ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޒު ކޮށްފައިވާ މިންވަރު ދެނެގަތުމާއެކު އެކަންކަން ތަންފީޒު ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި މިކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ ތަންފީޒު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އަދުލު އިންސާފުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރު ކުރެވޭނެ އެވެ. އަދި ދެވަނަ މަރުހަލާގައި މި ކަރުދާހުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި ފިޔަވަޅުތައް ތަންފީޒު ކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު މި ތަންފީޒުކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނެއެވެ. ތިންވަނަ މަރުހަލާގައި ތަންފީޒު ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވައިލެވޭނެއެވެ. އަދި މި ޕްލޭނަށް ބިނާކޮށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އަދި ގާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކި އެކި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވޭނެއެވެ.
މި މަސައްކަތް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް ކުރިއަށް ގެންދެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކެޑެމީ އާއި ހުރިހާ ކޯޓުތަކާއި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާއި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ޖަމިއްޔާތައް ޝާމިލުވާ ގޮތުގެ މަތިންނެވެ.