އިބްރާހިމް ރިއްފަތު

އިންސާފު ލިބޭކަން އެންމެނަށް އިހުސާސް ކުރެވޭ: ރިފްއަތު

ހާމަކަމާއި ހަމަހަމަކަމާއެކު އިންސާފު ލިބޭ ކަމުގެ އިހުސާސް ކޮންމެ މީހަކަށްވެސް މިހާރު ކުރެވޭ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރިފްއަތު މިހެން ވިދާޅުވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިތާ ފަސް އަހަރު ފުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މާޗް 13، 2016 ގައެވެ.

ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި މިހާރުގެ ބަންޑާރަނާއިބު ރިފްއަތު ވިދާޅުވީ އެ ދުވަހަކީ ކޯޓްތަކުގެ އަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިސިއްޔަތުން ލަދުވެތިވާން ޖެހުނު ދުވަހެއް ކަމަށެވެ. އެ ދުވަސް މިހާރު މާޒީވެ ގޮސްފައިވާ ކަމަށާ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް މިހާރު ވަނީ އިއާދަކޮށްދީފައި ކަމަށެވެ.

"އެ ދުވަހަކީ ކޯޓްތަކުގެ އަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިސިއްޔަތުން ލަދުވެތިވާން ޖެހުނު ދުވަހެއް. އެ ދުވަސް މިއަދު މާޒީވެއްޖެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެކަށީގެންވާ ވަގުތާއި ވަސީލަތްތަކުގެ ހައްގު ނިޒާމީ ސިފައެއްގައި ނިގުޅައިގަތަސް އެ ހައްގު މިހާރު އޮތީ އިއާދަކޮށްފައި،" ރިއްފަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަހަމަކަމާއެކު އިންސާފު ލިބޭ ކަމުގެ އިހުސާސް ކޮންމެ މީހަކަށްމެ ކުރެވޭ ކަމަށެވެ. އެއީ ޝަރުއީ ނިޒާމާމެދު ގެއްލުނު އިތުބާރު މިހާރު އިއާދަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

"ހާމަކަމާއި ހަމަހަމަކަމާއެކު އިންސާފު ލިބިދިނުމުގެ އިތުރަށް އެމޭރުމުން އެކަން ހިނގާކަން ކޮންމެ މީހަކަށްމެ އިހުސާސް ކުރެވުމަކީ ގެއްލިފައިވާ އިތުބާރު އިއާދަވެގެން ދިއުން،" ރިއްފަތު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރިކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެމަނިކުފާނު ޖަލުގައި ހުންނެވީ 8 މަހާއި 15 ދުވަހެވެ. އޭގެ ފަހުން ފަރުވާއަށް ކަމަަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލެވިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރައީސް ސޯލިހް އިންތިހާބުވެ ހުވާ ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އޭގެ ފަހުން އާ ސަރުކާރު ފެށުނު ފަހުން ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ހުކުމް ވަނީ ބާތިލުކޮށްފައެވެ.