ހަބަރު

ވިޔަފާރީގެ މައްސަލަތައް ކޯޓުން ނިންމުމުގެ ސަގާފަތް ނިމުމަކަށް

Dec 14, 2020
2

އާބިޓްރޭޝަން މައްސަލަތައް ހުށަހެޅޭ ގޮތަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (މިއައިއޭސީ)ގެ ހިދުމަތްތައް މިއަދު ފޯރުކޮށްދޭން ފަށާފައިވާއިރު، ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ ވާޖިބުތަކުން އުފެދޭ މައްސަލަތައް ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

އާބިޓްރޭޝަނުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ހިދުމަތްތައް ރަސްމީކޮށް ދޭން ފަށާފައިވަނީ މިއަދު އެވެ.

މިގޮތުން، ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން، ރިއްފަތު މިއަދު ވިދާޅުވީ، ކޯޓަށް ދާންނުޖެހި އާބިޓްރޭޓަރުން މެދުވެރިވެގެން ވިޔަފާރީގެ މައްސަލަތައް އަވަހަށް ހައްލުވެ، ހަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ.

"ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ހަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އާބިޓްރޭޝަން ސެންޓަރު ހުޅުވީ އޭގެ ހަ އަހަރު ފަހުންނެވެ.

ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން މިދިއަ އަހަރުގެ އެޕްރީލް މަހު ފެށުމާއެކު، ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފުތަރެއް އެކުލަވާލުމާއި، ބޭސް މެނޭޖްމަންޓް ޕޯޓަލެއް ގާއިމްކުރުމުގެ އިތުރުން އާބިޓްރޭޝަން ރޫލްސް ވަނީ ޝާއިއުކޮށްފައި އެވެ.