ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ފުރުން މަނާކުރުމުގެ އަމުރު: ޕީޖީ އާއި އޭޖީ މަޝްވަރާއަށް

ފުރުން މަނާކުރުމުގެ އަމުރަށް ޕްރޮސެކިއުޓަރު ޖެނެރަލް އަަށް ނޭދެވޭނެ ކަމަަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުމް ގާނޫނަށް ގެނެވޭނެ އިސްލާހެއް އޮތްތޯ ބަލަން ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުން ވަނީ ޕާސްޕޯޓް ހިފައްޓާ ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދެވޭނީ ތަހުގީގީ އިދާރާއަކަަށް ކަމަށާ އެއީ ޕީޖީއަަށް އޮތް ބާރެއް ނޫން ކަމަަށް ކަނޑައަޅާފައެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ ޖިހާދުގެ މައްޗަށް އުފުލާފައިވަނިކޮށް އެމަނިކުފާނު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގަތް ނަމަވެސް ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ބޭރަށް ފުރުން މަނާކޮށްފަ އެވެ. އެމައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ފަހުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓްގެ ނިންމުން ބާތިިލު ކަމަށް ކަނޑައަޅާ އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެފައެވެ.

އެ ނިންމުމަށް އިޝާރާތް ކުރައްވާ ޕީޖީ ޝަމީމް ވިދާޅުވީ ފުރުން މަނާކުރުމުގެ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުމަށާއި މާނަ ކުރެއްވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެނެވޭނެ އިސްލާޙެއް އޮތްތޯ ބަލަން ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްްރިމިނަލް ކޯޓުން ބާތިލު ކުރި ކުރުމާމެދުވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވަނިކޮށް ކުއްލި ގޮތަކަށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހުގެ އިރޮއޮއްސުނު ވަގުތުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި އަމުރު މީޑިއާއަށް ލީކުވިއެވެ. އެ އަމުރުގައި އޮތީ ޕާސްޕޯޓް ހިފަހަައްޓަން ނެރުނު އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ދޮގު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އެހެން ލިޔެވިފައިވަނީ އޮޅުމަކުން ކަމަށެވެ.

ކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ ޕީޖީ އޮފީހުން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އަދި ކްރިމިނަލް ކޯޓްގެ އަމުރު މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.

ޕީޖީ ހުސައިން ޝަމީމް ދެންމެ ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލަން ނިންމާފައެވެ.

ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައ ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.

އެ އަމުރު ނެރުމުގައި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖައިޒު މަންފާ ހޯދާ ދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީ" އިން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.